މިނިވަން ނޫސްވެރިކަމާ ގުޅޭގޮތުން، ކުރީގެ ރައީސް އަދި، އިދިކޮޅު ކޯލިޝަންގެ ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް ކުރީގެ ނޫސްވެރިއާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ރައްދުދެއްވައިފިއެވެ.

ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ވަނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތްކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކުން ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީން ފައިސާ ނަގާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކުން އަޅުގަނޑު ސަލާމަތްވީމަ މިހާރު ނޫސްތަކުން އަޅުގަނޑާ ދޭތެރޭ ހުކުމް އެ ކުރަނީ. މައްސަލައެއް ނެތެއްނޫންތޯ؟ ދިވެހިރާއްޖޭގަ އަޅުގަނޑުމެންގެ ސަރުކާރުގަ ހަމަގައިމުވެސް މިނިވަންކަމާއެކީ ކޮންމެ ވާޙަކައެއް ލިޔަން އަޅުގަނޑުމެން ޖާގަ ދިނިން ނޫސްވެރިކަމަށް. މި ސަރުކާރުގަ ކިހިނެއްތޯ މިކަން ހިންގަނީ. މި ސަރުކާރުގަ އޮންލައިން ނޫސްތައް އެކަނި މިނިވަންކަމާއެކު ހިނގަނީ. ހުރިހާ އެހެން ނޫސްތައް އެހުރީ ސަރުކާރުގެ ޖީބުގަ . މިތާކު ނެތް މިނިވަންކަމެއް. މިތާކު ނެތް ފްރީޑޮމް އޮފް އެކްސްޕްރެޝަނެއް. މިތާކު ނެތް މިނިވަން ޖާނަލިޒަމެއް. ދެން އެ ހުރިހާ ނޫސްވެރިން އެތިބީ، އިންޑިއާގެ މިތާ ހުންނަ އެމްބަސީން ފޮނުވާ ލާރިކޮޅު ނަގައިގެން.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަކި މީޑިއާއެއްގެ ނަން ފާހަގަނުކުރެއްވި ނަމަވެސް، އެމަނިކުފާނު ވަނީ މީޑިއާތަކަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

ނަމަވެސް، ރައީސް ޔާމީނުގެ ސަރުކާރުގައި، 2016 ވަނަ އަހަރު އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ގިނަ މީޑިއާތަކާމެދު އޭރު ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ މިވާހަކަތަކަށް ރައްދުދެއްވައި ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބުރުގެ ގާނޫނު ފާސްކޮށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، ނުހައްގުން ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލާފައިވަނީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި، އެގޮތަށް އެކަން ކޮށްފައިވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަތައް ލިޔާތީ ބިރު ދައްކަން ކަމަށްވެސް ވިސާމްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފާސްކުރި އަބުރުގެ ގާނޫނު ސިފަކުރެވެނީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތް ގާނޫނެއް ކަމަށްބުނެ ނޫސްވެރިން ވަނީ އެ ގާނޫނު ފާސްކުރުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަި ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ޕްރޮމޯޓްކުރި ޓީވީ ޗެނަލްތައް، ބްރޮޑްކާސްޓް ކޮމިޝަނުން ބޮޑެތި އަދަދުން ޖޫރިމަނާކޮށް ބައެއް ނޫސްތައް ބަންދު ކުރަންވެސް ޖެހިފައިވެއެވެ. ނޫސްތަކުގެ މެދުގައި ތަފާތުކުރިކަމުގެ ޝަކުވާތައްވެސް އޭރު ލިބިފައިވާއިރު، ބައެއް ނޫސްވެރިންގެ މައްޗަށް ދައުވާވެސް ވަނީ އުފުލާފައެވެ.

އަބުރުގެ ގާނޫނު އުވާލާފައިވަނީ 2018 ވަނަ އަހަރު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުއެވެ.