ޖަރުމަނު ވިލާތުގެ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މިދަތުރު ކުރިއަށް ދާނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ފްރާންސްގެ އާންމުންގެ މެދުގައި މަގުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިއުންތެރިން ހިމެނޭ ޓީމެކެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގައެވެ.

މިޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރަން ހަމަޖެހިފަވާއިރު މިދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަރުމަނު ވިލާތުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ދެކެއެވެ.

އަދި މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެމެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ފޭމް ދަތުރަކީ މި މާކެޓަށް އަމާޒުކޮށް މިއަހަރު އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ ދެވަނަ ފޭމް ޓްރިޕްއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ވިޒިޓްމޯލްޑިވްސް އިން ޖަރުމަނު ވިލާތުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.

މި ދަތުރުގެ ސަބަބުން މި މާކެޓުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކައް ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމަތު ފޯރުކޮށްދެވޭނެއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މަޢުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.

މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޢިޝްތިހާރުކުރެވޭނެއެވެ..

ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,153,013 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 7.2 އިންސައްތަ ނުވަތަ 81,742 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނު ވިލާތުންނެވެ.

ޖަރުމަނު ވިލާތަކީ މިވަގުތު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. ޖަރުމަނު މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މިއަހަރު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.