"ގިލިގިލި" ކޮށްޓުމަކީ ކޮންމެ މީހަކަށްވެސް އުފާވެގެން ނުވަތަ މަޖާވެގެން ނޫންނަމަވެސް ކޮންމެވެސް ވަރަކަށް ހިނިއަންނަ ކަމެކެވެ.

ބޭއިޚްތިޔާރުގައި އެއްވެސް ހިފެހެއްޓުމެއްނެތި، ހިލިއެރުމުގެ ސަބަބުން ކޮންމެ މީހަކަށްވެސް ހެވޭ ކަމެކެވެ. ބައެއްފަހަރު އެ އަރާ ހީލީގެ ސަބަބުން ހުނުން މެދުނުކެނޑި އެކަމުގެ ސަބަބުން ބަޑަށްވެސް ތަދުވާ ކަމެކެވެ. ބައެއް މީހުންނަށް އެއީ ކެތްކުރެވޭ ކަމަކަށްވެސް ނުވެއެވެ.

މަދު ހިނދުކޮޅަކަށް ނަމަވެސް "ގިލިގިލި" ކޮށްޓުމުގެ ސަބަބުން މީހާއަށް މަޖާވީ ނަމަވެސްް، މެދުކެނޑުމެއްނެތި 24 ގަޑިއިރު ވަންދެން ގިލިގިލި ކޮށްޓައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ މިއީ އެކަމުގެ ސަބަބުން މީހަކު މަރުވެދާނެ ކަމެއް ހެއްޔެވެ؟

މި ބަލާލަނީ މެދުކެނޑުމެއްނެތި 24 ގަޑިއިރު "ގިލިގިލި" ކޮށްޓައިފިނަމަ ހަށިގަނޑަށް އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކަށެވެ.

ގިލިގިލި ކޮށްޓުމުގައި ނުވަތަ "ޓިކްލް" ކުރުމުގައި މައިގަނޑު ދެ ކެޓަގަރީއެއް ވެއެވެ. އޭގެއިން އެންމެ އާންމު ކެޓަގަރީ އަކީ ގާގަލީސިސް އެވެ. ގާގަލީސިސް އަކީ ހަށިގަނޑުގެ ބައެއް ތަންތަނުގައި ތަކުރާރުކޮށް އެހެން މީހަކު އަތްލުމުގެ ސަބަބުން އެއަރާ ހީއްޔެއެވެ.

"ޓިކްލް" ގެ ދެވަނަ ކެޓަގަރީ އަކީ "ނިސްމީސިސް" އެވެ. މިއީ ހަށިގަނޑުގެ ބައެއް ތަންތަނުގައި އެހެން މީހަކު މަޑު ބީހިލުމަކުން ބީހިލީމަ އަރާ ހީއްޔެއެވެ. މިގޮތަށް ކަންތައް ކުރުމުން ހެވެން ނުފެށިނަމަވެސް، އެކަމުން މީހާއަށް އަރާމުވާކަހަލަ އިހުސާސެއް ކުރެވެއެވެ. ހަށިގަނޑުގައި މިފަދަ ޓިކްލް އަށް އެންމެ ސެންސިޓިވް ސަރަހައްދުތަކަކީ ބަނޑާއި، ބަނޑުގެ ދެއަރިމަތި، ކިހިލިފަތްދަށް، ފައިތިލައިގެ ދަށް އަދި ކަރުމަށްޗެވެ.

އެހެންނަމަވެސް އަމިއްލައަށް ގިލިގިލި ކޮށްޓައިގެން މި ރިއެކްޝަންއެއް ނާންނާނެއެވެ. ސަބަބަކީ އަމިއްލަ އަށް ގިލިގިލި ކޮށްޓުމުން މީހާގެ ސިކުނޑިން އެކަން ދެނެގަނެ، އެކަމަށް އެއްވެސް ރިއެކްޝަނެއް ނައުމެވެ. ގިލިގިލި ކޮށްޓައިގެން އޭގެއިން ރިއެކްޝަނެއް އައުމަށް "އެލެމެންޓް އޮފް ސަޕްރައިޒް" ނުވަތަ ނޭނގި ހުށްޓާ އެކަން ވެގެންނެވެ.

އެހެންނަމަވެސް ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި "ސިޒޮޕްރޭނިއާ' ހުންނަ މީހުންނަށް އަމިއްލައަށް ގިލިގިލި ކޮށްޓައިގެންވެސް ރިއެކްޝަން އަންނާނެއެވެ. ސަބަބަކީ ސިޒޮފްރޭނިއާގެ ސަބަބުން ސިކުނޑިއަށް، މީހަކު އަމިއްލައަށް ހަށިގަނޑަށް ކުރާ ކަންތައްތަކާއި، އެހެން މީހުން ކުރާ ކަންތައްތައް ދެނެނުގަނެވޭތީއެވެ.

މި ބަލާލަނީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ވަންދެން "ގިލިގިލި" ކޮށްޓައިފިނަމަ ހަށިގަނޑަށް އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކަށެވެ.

10 ސިކުންތު:

ގިލިގިލި ކޮށްޓާތާ ފުރަތަމަ 10 ސިކުންތުގެ ތެރޭގައި މީހާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. އެހެންނަމަވެސް ފުރަތަމަ 10 ސިކުންތުގައިވެސް ހިފެހެއްޓުމެއްނެތި މިކަމުގެ ސަބަބުން ހެވޭނެއެވެ. ހުށްޓުވަން ބޭނުންވިޔަސް މިއީ ވުން ނާދިރުކަމެކެވެ. މީހާ ހެވިފައި ހުރިނަމަވެސް އެއީ ކޮންމެހެން މަޖާވެގެން ނުވަތަ އެކަން ކަމުދާތީ ހެވެނީއެއް ނޫނެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިންތަކެއް ހޯދި ހޯދުންތަކަކުން ދެނެގަނެވިފައިވާ ގޮތުގައި، ގިލިގިލި ކޮށްޓުމުގެ ސަބަބުން މީހަކަށް ހެވޭ ހެވުމަކީ މަޖާ ވާހަކައެއް ނުވަތަ މަޖާ ކަމެއްވެގެން ހެވޭ ހެވުމާ ވަރަށް ތަފާތު ހެވުމެކެވެ. މި ހެވުމަކީ ހަމައެކަނި ހަށިގަނޑުގެ އެތެރެއިން އަންނަ ރިއެކްޝަނެއްގެ ސަބަބުން ބޭރުފުށުން ފެންނަ އިލިއުޝަނެއްގެ ގޮތުގައި އެ ސައިންސްވެރިން ވަނީ ސިފަކޮށްފައެވެ.

10 މިނެޓު:

ގިލިގިލި ކޮށްޓުމުގެ ސަބަބުން ހަށިގަނޑުގެ އިމޯޝަނަލް ރިއެކްޝަންތައް ކޮންޓްރޯލް ކުރާ "ހައިޕޮތެލަމަސް" ކިޔާ ސިކުނޑީގެ ބައެއް އެކްޓިވޭޓް ކޮށްލައެވެ. މިއީ ނުރައްކަލެއް ނުވަތަ އަމިއްލަ ހަށިގަނޑަށް އެއްވެސް ޒާތެއްގެ ގޯނާއެއް ކުރިމަތިވުމުންވެސް އެލާޓަށް އަންނަ ސިކުނޑީގެ ބައެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އެކަމަށް ސަމާލުވުމަށް، ނުވަތަ ރައްކާތެރިވުމަށް ސިގްނަލް ފޮނުވަނީވެސް ހައިޕޮޒެލަމަސް އިންނެވެ. ގިލިގިލި ކޮށްޓުމުން އެ އަންނަ ރިއެކްޝަނަކީވެސް ހައިޕޮތެލަމަސް އިން ފޮނުވާ ސިގްނަލްގެ ސަބަބުން އަންނަ "އޮޓޮމެޓިކް އިމޯޝަނަލް ރެސްޕޮންސް" އެކެވެ.

10 މިނެޓު ވަންދެން ގިލިގިލި ކޮށްޓުމުގެ ސަބަބުން މީހާ ހޭ އަޑު އިވުނުކަމުގައިވީނަމަވެސް އެމީހެއްގެ އަމަލުތަކުން ފެންނާނީ، އަނިޔާއެއް ނުވަތަ ވޭނެއް އަޅައިގެން މީހަކު އުޅޭކަހަލަ ގޮތެކެވެ. 10 މިނެޓަކީ މަޖަލަކަށް މީހަކު ގިލިގިލި ކޮށްޓި ނަމަވެސް އެކަން ހުށްޓުން މަޖުބޫރުވާ ދަނޑިވަޅެވެ. އެއަށްފަހު އެމީހަކަށް ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

1 ގަޑިއިރު:

ގިލިގިލި ކޮށްޓުމުގެ ސަބަބުން އެއް ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި ހޭން މަޖުބޫރުވެއްޖެނަމަ އިންސާނައިގެ ހަށިގަނޑުގެ "ކޯ" ނުވަތަ އުނަގަނޑަށް ވަރަށް ބާރުކޮށް، ވަރުބަލިކަމުގެ އިހުސާސް ވަރަށް ގަދައަށް ކުރަން ފަށާނެއެވެ. މިކަން ހަޔާތުގެ އެންމެ ރަނގަޅު "ވޯކްއައުޓް" ނުވަތަ ކަސްރަތުގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް އޭގެ ނޭދެވޭ ނަތީޖާ ބޮޑު "ކަސްރަތަކަށް" މިކަން ވާނެއެވެ.

ހުނުމަކީ އެންމެ ރަނގަޅު ފަރުވާއޭ މީހުން ބުނެއުޅުނު ނަމަވެސް މިހާލަތުގައި މިއީ ވޭންހުރި ކަމަކަށް ވާނެއެވެ.

10 ގަޑިއިރު:

މެދުކެނޑުމެއްނެތި 10 ގަޑިއިރު ވަންދެން އިންސާނަކު ގިލިގިލި ކޮށްޓައިފިނަމަ އެކަން ވާނީ ގަސްތުގައި އަނިޔާކުރުމުގެ ނިޔަތުގައި މީހަކަށްދޭ ބޮޑު ވޭންހުރި އަނިޔާއަކަށެވެ. އިނގިރޭސިބަހުން ބުނާނަމަ "ޕިއޯ ޓޯޗަރ" އަކަށެވެ.

ގިނަ އިރުވަންދެން ގިލިގިލި ކޮށްޓުމަކީ މީގެ ޒަމާންތަކެއް ކުރިން ޖަލުތަކުގައި މީހުންނަށްދޭ އަނިޔާއެއް ނުވަތަ އަދަބެއްވެސް މެއެވެ. އެގޮތުން 3 ވަނަ ގަރުނު (ބީ.ސީ.އީ) ގައި، ޗައިނާގެ ހާންސް ޑައިނަސްޓީގައި ކުށްވެރިންނަށްވެސް އަދި ހަނގުރާމަތަކުގައި ހައްޔަރުކުރާ ދުޝްމަނުންނަށްވެސް ބޮޑެތި އަނިޔާތައް ކުރުމުގެ ބަދަލުގައި ގިލިގިލި ކޮށްޓާ އުޅުނުކަމަށްވެއެވެ. އެއީ މިކަމަކީ ހައްޔަރު ކޮށްފައި ހުންނަ މީހާއަށް އެކަމުގެ ސަބަބުން ކިތަންމެ ވޭނެއް އެޅިކަމުގައިވީނަމަވެސް، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނުހުންނާނެތީ ކަމަށްވެއެވެ.

15 ގަޑިއިރު

ގިލިގިލި ކޮށްޓުމުގެ ސަބަބުން މެދުކެނޑުމެއްނެތި 15 ގަޑިއިރު ވަންދެން އިންސާނަކު ހޭން ޖެހިއްޖެނަމަ، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން އެމީހަކު ހޭނެތިދާނެކަމަށް ބައެއް ސިއްހީ ހޯދުންތަކުން ސާބިތުވެއެވެ. އެއީ ސިކުނޑިއަށް ބޭނުންވާ ވަރަށްވުރެ މަދުން ލޭ ދައުރުވުމުގެ ސަބަބުން މީހާގެ "ކޮންޝަސްނަސް" އަށް އަސަރުކުރާތީއެވެ.

މިއީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް މީހާއަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމަށް، ސިއްހީ ހޯދުންތަކުން ބުނެއެވެ.

24 ގަޑިއިރު

މެދުކެނޑުމެއްނެތި އިންސާނެއްގެ ހަށިގަނޑުގައި 24 ގަޑިއިރު ގިލިގިލި ކޮށްޓައިފިނަމަ، އެމީހަކަށް އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލެއެވެ. އެގޮތުން ނޭވާލުން ފަދަ އާދައިގެ ކަންތައްތަކަކީވެސް ވަރަށް ވިސްނައިގެން، ދަނޑިވަޅު ބަލައިގެން ކުރަންޖެހޭ ކަންތައްތަކަކަށް ބަދަލުވެއެވެ. އަދި ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެ "އެސްފިކްސިއާ" އަދި ސިކުނޑިއަށް ލޭދައުރުކުރާ ހޮޅިތައް ދުޅަވުންފަދަ ނުރައްކާތެރި ކަންތައްތަކަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ސައިންޓިފިކް ހޯދުންތަކާއި، ސިއްހީ ހޯދުންތަކުން ބުނާގޮތުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ގިލިގިލި ކޮށްޓައިފިނަމަ، ހާޓްއެޓޭކެއް ޖެހިގެން މަރުވުމުގެ ފުރުސަތު ބޮޑެވެ. ހާޓްއެޓޭކް ޖެހެނީ ކޮންމެހެން ގިލިގިލި ކޮށްޓައިގެން ނޫނެވެ. އެކަން ކުރުމުގެ ސަބަބުން އެއްވެސް އިހްތިޔާރެއްނެތި ހޭން ޖެހުމުގެ ސަބަބުންނެވެ.

އެހެންކަމުން މަޖަލަކަށްވެސް ނުވަތަ އެކްސްޕެރިމެންޓް ކުރުމުގެ ގޮތުންވެސް މިހާ ގިނައިރުވަންދެން އެއްވެސް މީހަކު ގިލިގިލި ކޮށްޓުމަކީ ރަނގަޅުކަމެއް ނޫނެވެ.