ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވާނީ ހުއްޓުމަކަށް ގެނެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރިވެލި އެވޯޑް 2021" ދެއްވުމުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ކަމަށާއި އަދި ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް ކަމަށެވެ.

މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއުޅެވެނީވެސް، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދޭތީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.

އަދި ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ވާނީ ހުއްޓުމަކަށް ގެނެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، 18.2 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކުރެވިއްޖެ.އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި. އެހެން ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް، ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު. މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އެކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާއި މަޝްވަރާ ސަރުކާރުން ހޯދިން. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވާނީ އެކުލަވާލައިފައި."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް، އެ ޕްރޮގްރާމްތައް ބައްޓަންކުރުން ކަމަށެވެ.

އަދި އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭނީ އޭރުން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިރޭ އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، އަދި މިދިޔަ އަހަރު އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި ކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުން. އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްޤީވެ، މުޖުތަމަޢަށާއި މުޅި ޤައުމަށްވެސް، މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުސަތަކަށްވާނެ. މިނޫނަސް، އެފަދަ ބޭފުޅުންގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަންތައްތައް އެބަހުރި. އަޅުގަނޑަށް ފެންނަ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށްވުރެ ފުރިހަމައަށް އެބޭފުޅުންނަށް ދިނުން. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހެދުން.އޭރުން އެބޭފުޅުންގެ ހަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް،މާ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތައް ލިބިގެންވާކަމާއި، ތަފާތުކުރުމެއް ނުގެންގުޅޭކަން އިހްސާސް ކުރެވޭނެ ކަމަށާއި މިއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާނުލައި، ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށާއި ނަމަވެސް، އެ ހިއްސާ ފުރިހަމަވެގެންދާނީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ އެ ނިޒާމު ފުރިހަމަކުރުމަކީ، އެންމެންގެ ޒިންމާއެއްކަން ގަބޫލުކޮށް، އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ.

އަދި އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް، ސަރުކާރުން މިކުރާ މަސައްކަތް، މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައި، މިހާރަށްވުރެ ފުރިހަމަވެގެންދިޔުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.