ނޮވެމްބަރު މަހު ލަންކާގައި ބޭއްވި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެ ޓީމުން ކުޅުނު ފަހުމެޗުގައި ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ހަމަލާދިނީ "ފްރަސްޓްރޭޓް" ވެގެންކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ބުނެފިއެވެ.

މޮޅުވެގެން މުބާރާރުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮތް މިމެޗުގައި އަޑުބަރޭ ކުޅެން އަރުވާފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. އެހެންނަމަވެސް ކުޅުންތެރިން ބަދަލުކުރުމުގައި މެޗުގެ 4 ވަނަ ރެފްރީއަށް، ކުޅުންތެރިންގެ ނަމްބަރު، ބޯޑުގައި ޖެހުމުގައި އެރި ކޮމްޕްލިކޭޝަންތަކެއްގެ ސަބުބަނުން އެކަން ހައްލުކުރުމަށްޓަކައި ގިނައިރުތަކެއް ވަންދެން ކުޅުން މެދުކަނޑާލާފައި އޮތެވެ.

އެކަން ހައްލުކުރުމަށްފަހު އަލުން ކުޅުން ފެށިތާ 20 ސިކުންތުގެ ތެރޭގައި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަނަށް އުޅަނބޮށިން ހަމަލާދީފައެވެ. އޭރު މަންޒަރުފެން ހިސާބުގައި ރެފްރީވެސް ހުރުމުން، ރެފްރީ ވަނީ ލަސްތަކެއް ނުކޮށް، އަޑުބަރޭއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

މިމައްސަލަ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް އަޑުބަރޭ ހާޒިރުކުރިއިރު، ކޮމިޓީއަށް ދިން ބަޔާނުގައި އުމުރުން 34 އަހަރުގެ އަޑުބަރޭ ބުނެފައިވަނީ އެ މެޗުގައި ސީޝެލްސް ކެޕްޓަނުގެ މޫނުމަތީގައި ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށެވެ. އަދި "ފްރަސްޓޭޓް" ވާން ދިމާވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރުވެގެން ބެންޗު ކައިރީގައި 15 މިނެޓު ހުންނަން ޖެހުމުން ކަމަށާއި، އަދި އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައިރީގައި ކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

މިމައްސަލަ އާއި ގުޅިގެން އެފްއޭއެމް އިންވަނީ އަޑުބަރޭއަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން 12،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، 6 މެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމް އިންވަނީ ނިންމާފައެވެ.

ޑިސިޕްލިނަރީ ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި އަޑުބަރޭ އަށް އެފިޔަވަޅު އަޅަން ނިންމީ އިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީއެވެ. އަދި ހަ މެޗުގެ ސަސްޕެންޝަނަކީ އެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ ސަސްޕެންޝަނެއް ކަމަށްވެސް ވަނީ ނިންމާފައެވެ.

ފޯނޭޝަންސް ކަޕުގައި އަޑުބަރޭގެ ފަރާތުން ފެނިގެންދިޔަ މި ހުތުރު އަމަލުގެ ސަބަބުން ގިނަބައެއް ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާއިރު، މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގުމާއެކުވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުއްޓެވެ. އެއަށްފަހު އަޑުބަރޭ ވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކުލަބު އީގަލްސްއާ ގުޅެފައެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގައި އަޑުބަރޭ ފުރަތަމަ އެގާރައިގައި ހިމެނި ނަމަވެސް، މިހާރުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ މި މުބާރާތުގައި އޭނާ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފައެއް ނުވެއެވެ.