ކޮވިޑަށް ފަރުވާ ދެމުންދިޔަ އިތުރު މީހަކު މިއަދުވެސް މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 6:29 ގައި ނިޔާ ވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މީހާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 254 އަށް އަރާފައެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑްގައި 2 މީހަކު މަރުވެފައެވެ. އިއްޔެ މަރުވެފައިވަނީ ދިވެހި ދެފިރިހެނުންނެވެ.
އިއްޔެ ފުރަތަމަ މަރުވެފައި ވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަހުން މަރުވެފައިވަނީ ހއ. ތުރާކުނު މީހެކެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،726 ގައެވެ. އަދި، މީގެތެރެއިން 19 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.
ކޮވިޑް ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައި ފާހަގަކުރެވެއެވެ.