އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) ގެ 5 ވަނަ ބައްދަލުވުން އިފްތިތާޙުކުރުމުގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަބޫދާބީގައި މިދިޔަ ހޮނިހިރު ދުވަހު ފެށި ދެ ދުވަހުގެ މި ކޮންފަރެންސްގެ ޝިއާރަކީ "އިންޑިއަން އޯޝަން: އިކޮލޮޖީ، އިކޮނޮމީ އެންޑް އެޕިޑެމިކް" މި ޝިއާރެވެ.

މި ބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަރަހައްދަކީ، ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮ ކަމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ވިޔަފާރީގެ ހަބެއްކަމަށެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި އެއީ ރައީސްގެ ހާރިޖީ ސިޔާސަތުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާއި، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރިފަދަ ނުރައްކާތައް އިތުރުވަމުން ދިއުންފަދަ ކަންކަމަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއްވެސް ގައުމަކަށް އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަންވެސް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ވެސް ނައިބް ރައީސް ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައި، ރާއްޖެއަށް ކޮންމެވެސް މިންވަރަކަށް އާންމު ހާލަތަށް އާދެވިފައި ވާކަން ފާހަގަ ކުރައްވައި އެކަންކަން ހާސިލުވީ ދުރާލާއި ސިއްހީ ގަވާއިދުތައް ހަރުދަނާކޮށް ވެކްސިން ކެމްޕެއިން ބާރަށް ކުރިއަށް ގެންދެވުނީމާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ވެކްސިން ލިބޭނެގޮތަށް އޮތުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރައްވައި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ވެކްސިން ލިބުމުގެ މަގު ފަހިކޮށްދީފައި ވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ނިސްބަތުން މަދުން ބޭރުކުރާ ގައުމެއް ނަމަވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު އެންމެބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މި ބަދައްލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން 2030 ވަނަ އަހަރު އަންނަން ވާއިރަށް ނެޓް ޒީރޯ ހާސިލްކުރުމަށް ކުރާ މަސައްކަތާއި ކުނި މެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި، ކަނޑުތަކާއި ފަޅުތަކާއި ކުޅިތައް ހިމާޔަތްކޮށް ނޫ އިގްތިސާދެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "އައިއޯސީ 2021" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖަޔަޝަންކަރެވެ.

މި ބައްދަލުވުމުގެ މައިގަނޑު ސެޝަންތައް އޮންނާނީ ބައްދަލުވުމުގެ ދެ ވަނަ ދުވަހުގައެވެ. "އައިއޯސީ 2021" ފެށުމުގެ ރަސްމިއްޔާތަށްފަހު، ކޮންފަރެންސްގެ ބައިވެރިންގެ ޝަރަފުގައި ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު އަލީ އަލް ސައްޔާހު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.