ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސްގެ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުނަރުވެެރި ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ޑަބަލްސް މެޗުތައް ނިމިއްޖެއެވެ.
މުބާރާތުގެ ޑަބަލްސް ބައިން ދީމާ ވަކިވާން ޖެހުނީ މިކްސް ޑަބަލްސްގެ ގަދަ 16 ކުޅުންތެރިންގެ ބުރުގައި ރުމޭނިއާގެ ޗިރިޓާ ލުލިއަން އާއި ރޯސޫ ބިއާންކާގެ ޕެއާގެ އަތުން ދީމާ އާއި ޗެކް ރިޕަބްލިކްގެ މާޓިސް ސިޕް ބަލިވުމުންނެވެ. މި މެޗުން ރުމޭނިއާގެ ޕެއާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ރޯސޫ އާއި ލުލިއަންގެ ޕެއާ ސެޓުތައް ގެންދިޔައީ 11-08، 11-05 އަދި 11-06 އިންނެވެ.
މީގެއިތުރުން މުބާރާތުގެ އަންހެން ޑަބަލްސްގައިވެސް ދީމާއަށް ވަނީ ފުރުސަތު ގެއްލިފައެވެ. އެއީ އަންހެން ޑަބަލްސްގައި އިއްޔެ ދީމާ ވާދަކުރަން ޖެހޭ މެޗު އޮތްނަމަވެސް، ދީމާގެ އަންހެން ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް ޕޯޗުގަލް އަށް ނާދެވުމުން ދީމާ އަށް އަންހެން ޑަބަލްސް އިވެންޓް މެޗު ނުކުޅެވި، މެޗު ދޫކޮށްލަން ޖެހުމުންނެވެ.
މި ދެ އިވެންޓު ދީމާއަށް ނިމުންނަމަވެސް އޭނާއަށް އަދި މުބާރާތުެ ސިންގްލްސްގެ މެޗުތައް އެބައޮތެވެ.
ސިންގަލްސް މެޗުތަކަށް ދީމާ ފޯކަސް ކޮށްގެން ހުރިއިރު، މިއަދު 15 އަހަރުން ދަށުގެ ސިންގަލްސް ބައިގައި ދީމާ ނުކުންނާނީ ސްލޮވާކިއާގެ ވިލިޝްކޯވާ ޑޮމިނިކާއާ ދެކޮޅަށެވެ. ދީމާއާ އެކު ޕޯޗުގަލްގައި މެނޭޖަރެއްގެ ހައިސިއްޔަތުން ހުރީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ.
ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުން ދީމާ އަށް ޖާގަ ކަަށަވަރުވީ ދުނިޔޭގެ ރޭންކިންގެ އަށް ބަލައިގެން ކުރި ލިބޭތީ އެވެ. ދީމާ މި ވަގުތު އޮތީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނައިގަ އެވެ. މި އަހަރުގެ އޭޕްރީލް މަހު ނެރުނު ރޭންކިން ތާވަލުގެ އަށް ވަނައިގައި ވެސް ދީމާ އޮތެވެ.