މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އެތަނުން އެއް އޮޕަރޭޝަނަކީ ނ. މާޅެންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން މި މަހު 2 ވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނާއި، ލަންދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބައްދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނުން މި މަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުންވަނީ މައުލޫމާތުދީފައެވެ.

އަދި މި މަހު 1 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން، ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ އޮފީހުން މައުލޫމާތުދެއެވެ.