ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ބެޑްމިންޓަން ތަރިން ކަމުގައިވާ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ(ނަބީ)ގެ ދެބެއިންގެ ޕެއާއިން ލޯ މެޑަލް ހާސިލްކޮށްފިއެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބައްދަލުކުރަން ޖެހުނީ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާ އެވެ. މެހްރީން އާއި އަރާތީގެ ޕެއާ އިން ވަނީ 21-14 އާއި 21-02 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ސެމީ ފައިނަލްގެ ޖާގައެއް ނަބާ އާއި ނަބީގެ ޕެއާއިން ހޯދީ އިއްޔެ ހެނދުނު ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބަންގްލަދޭޝްގެ ފާތިމާ ބޭގަމް އާއި ބްރިސްޓީ ކަތުންގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ. ސީދާ ދެ ސެޓުން ނަބީ އާއި ނަބާ މި މެޗު ކާމިޔާބުކުރިއިރު މެޗުގެ ސެޓުތައް ދެކުޅުންތެރިން ގެންދިޔައީ 21-15 އާއި 21-17 އިންނެވެ.

މީގެއިތުރުން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާއިން ވަނީ އިއްޔެ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ނަބާ އާއި ޒަޔާންގެ ޕެއާ ކުުޅުނީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާއާ އެވެ. ނަޒީރު އާއި ނިލާގެ ޕެއާ މެޗުން މޮޅުވީ 23-21 އާއި 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގައި ނަބާ އާއި ނަބީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އިރު މިއީ މިދެކުޅުންތެރިންނަށް އަންހެން ޑަބަލްސް ބައިން، ބައިނަލްއަގްވާމީ މުބާރާތްތަކުން ލިބުނު 10 ވަނަ މެޑަލް އެވެ. އަދި މިއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޗެލެންްޖް ލެވަލްގެ މުބާރާތަކުން ލިބުނު ފުރަތަމަ މެޑަލް އެވެ.

އަނެއްކާވެސް ރާއްޖެއަށް ބެޑްމިންޓަން އިން މެޑަލް އެއް ނަބާ އާއި ނަބީ ހޯދައިދީފައިވާއިރު ބަންގްލަދޭޝް ޗެލެންޖަށް ފަހު މި ދެކުޅުންތެރިން ދެން ކުރިމަތިލާނީ ސްޕެއިންގައި މި މަހު 12-19 އަށް ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. ނަބާ އާއި ނަބީ ވަނީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް އަށް ކޮލިފައިވެފަ އެވެ. މިއީ ބެޑްމިންޓަން ދުނިޔޭގެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަަމަ ފަހަރެވެ.