ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި ދޭ ރިވެލި ތަރި އެވޯޑް 7 މީހަކު ހާސިލްކޮށްފިއެވެ.

ރޭ ބޭއްވި ރިވެލި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރިވެލި ތަރި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ރިވެލި ތަރި އެވޯޑް ލިބުނު ފަރާތްތައް:

1. މުނިފޫހިފިލުވުމުގެ ދާއިރާއިން އަޔާން އާލް ބިން އަޙްމަދު ނާޞިރް، މ. އަބާނާ / ކ.މާލެ

2. ކުޅިވަރުގެ ދާއިރާއިން، ފާޠިމަތު އިބްރާހީމް – ކާނިމާގެ، ޅ. ހިންނަވަރު.

3. ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – އަޙްމަދު ސާދިން، ރިޙާބު / ށ. ގޮއިދޫ

4. ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – ޙުސައިން ސާލިމް، ތެމާ / ހއ. އިހަވަންދޫ

5. ތަޢުލީމީ ދާއިރާއިން – ރަޔާން ރިޔާޟް ޢަބްދުލްވާޙިދު، ވަފާ /ހއ. އިހަވަންދޫ

6. ތަޢުލީމީ ދާއިރާއިން – މުޙައްމަދު މާޢިޒު، ދުންތަރި / ހއ. އިހަވަންދޫ

7. ސްކޫލް ކެޓެގަރީ އިން – އިމާދުއްދީން ސްކޫލް

މި ހަތް ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހުނަރު ދައްކާލުމަށް ކުރިޔަށް ގެންދުވުނު "ރިވެލި ތަރި 2021″ ޕްރޮގްރާމުގެ ތެރެއިން އެންމެ މޮޅުކަމަށް ފާހަގަކުރެވުނު ފަރާތްތަކެވެ.

މި ރަސްމިއާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ ދެއަހަރުން އެއް އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންދާ ރިވެލި އެވޯޑްވެސް 6 ފަރާތަކަށް ވަނީ ލިބިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ، އެންމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ ފުރިހަމައަށް އެފަރާތްތަކަށް ދިނުންކަން ފާހަގަކުރެއްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞާ ލޯގޯ އާއި އެފަދަ ފަރާތްތައް ބޭނުންކުރާ ވެހިކަލްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙް ކޮށްދެއްވާފައެވެ.

އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2019 ވަނަ އަހަރުއެވެ.