އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ ބަލިވިއިރު، ޕްރިމިއަ ލީގުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީ އާއި ލިވަޕޫލް މޮޅުވެއްޖެއެވެ.

ލަންޑަން ސްޓޭޑިއަމުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށްކުޅެ ޗެލްސީ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރާ ވެސްޓް ހޭމް އިން މޮޅުވި މިމެޗުގައި އެޓީމުގެ ފަރާތުން މޮޅުކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 28 ވަަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާ އެވެ. އެކަމަކު މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެނުއަލް ލަންޒީނީ ވަނީ ވެސްޓް ހޭމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ވެސްޓް ހޭމުގެ ޖެރޮޑް ބޮވެންއަށް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. ހަކީމް ޒިޔެކް ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓް ޖެހި މޮޅު ގޯލުންނެވެ. މައުންޓެވެ. މި މެޗުގައި ވެސްޓް ހޭމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ބޮވެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި މެޗުން ވެސްޓް ހޭމް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އާތޫރް މަސުއާކޫއެވެ.

ސިޓީ އާއި ވަޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަޓްފޯޑުގެ ދަނޑުގައި އެޓީމުގެ މައްޗަށް ޗެމްޕިއަން މެންޗަސްޓަރ ސިޓީން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

ދެން މި މެޗުގައި ސީޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި ބެނާޑޯ ސިލްވާއެވެ. މި މެޗުގައި ވަޓްފޯޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޫޗޯ ފެނާންޑޭޒެވެ.

ލިވަޕޫލާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ލިވަޕޫލުން ވަނީ ވުލްވްސް އަތްދަށުކޮށް ތާވަލުގެ ކުރިއަށް ޖެހިލާފައެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ޑިއޯގޯ ޖޮޓާ އާއި މުހައްމަދު ސަލާހަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޖޮޓާއަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ވުލްވްސްގެ ކެޕްޓަން ކޯނޯ ކޯޑީއެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ސަލާހު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީއެވެ.

މި ނަތީޖާތަކާއެކު ލީގު ޗެމްޕިއަން ސިޓީން ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ސިޓީ އަށް ޖުމްލަ 15 މެޗުން ސިޓީއަށް 35 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލްވެސް ވަނީ މެޗުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން 15 މެޗުން 34 ޕޮއިންޓު ލިވަޕޫލަށް ލިބިފައިވެއެވެ. އަދި ވަރުގަދަ ޗެލްސީ މެޗުން ބަލިވުމާއެކު ވަނީ ޕޮއިންޓު ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ޗެލްސީ އަށް 15 މެޗުން ލިބެނީ 33 ޕޮއިންޓެވެ.