އައު ކޯޗު ޒަވީ ހެރްނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗެއްގައި ފުރަތަމަ ފަހަރަށް ބާސެލޯނާ ބަލިވިއިރު ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅެ ރެއާލް ބެޓިސް އަތުން ބާސާ ބަލިވިއިރު މިއީ މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބާސާގެ ކޯޗުކަމާއި ޒަވީ ހަވާލުވިފަހުން އެޓީމުވީ ފުރަތަމަ ބައްޔެވެ.

ބާސާ އާއި ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ލަނޑުޖެހުމަށް ބާސާއަށް ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް ބޭނުންނުހިފު މިމެޗުގައި ބެޓިސް އަތުން ބާސާ ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބެޓިސްއިން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. ކައުންޓަ އެޓޭކެއްގައި ޓެލޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާންމީއެވެ.

މެޗުގައި ބާސާއަށް ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ނަތީޖާ އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ އަބްދޭ އެޒަލްޒޫލީއަށެވެ. އެހެންނމަވެސް އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިިން ބޭރަށެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައިގައި ބާސާ އޮތީ 15 މެޗުން 23 ޕޮއިންޓާއެކުއެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލާ ބާސާއާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ބާސާ ބަލިކުރި ބެޓިސް އޮތީ ތާވަލުގެ ތިންވަނައިގައި 16 މެޗުން 30 ޕޮއިންޓާއެކުއެވެ.

ސޮސިއެޑާޑާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ތާވަލުގެ އެއްވަނައިގައި ރެއާލުން ލީޑުފުޅާކުރީ ރަށުން ބޭރުގައި ކުޅުނު މެޗުން ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލުގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާ ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ލޫކާ ޔޮވިޗް ކުޅެން އެރިއިރު، ރެއާލުން ޖެހި ދެ ލަނޑުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޔޮވިޗް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އަދި އޭގެ 10 މިނެޓު ފަހުން ކަސެމީރޯގެ އެހީތެރިކަމާއެކު ޔޮވިޗް ވަނީ ލަނޑެއް ޖަހައި، ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ރެއާލުން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 16 މެޗުން 39 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާއަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.