ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކޮށްދިން ދެލަނޑާއެކު ބަޔާން މިއުނިކުން ބޮރޫޝިއާ ޑޯޓްމުންޑުގެ މައްޗަށް ކުރިހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ޑޯޓްމުންޑް އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ އެހެންނަމަވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޑޯޓްމުންޑުންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއަން ބްރަންޓެވެ. އެހެންނަމަވެސް އޭގެ 4 މިނެޓު ފަހުން އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ލީޑު ނެގިއިރު، މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ބަޔާނުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ލިބުނު ޕެންލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. މިއީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ މެޓްސް ހަމެލްސްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީއާ ގުޅިގެން ޑޯޓްމުންޑުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ރެފުރީ ވަނީ ޑޯޓްމަންޑުގެ ކޯޗު މާކޯ ރޯސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ.

މި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ބަޔާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމަންޑަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.