ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ހޯމް ލޯނާއި ކިޔަވާ ކުދިންނަށް ދޭ ލޯނުގެ ރޭޓުތައް 9 އިންސައްތައަށް ދަށްކޮށްފިއެވެ.

ހޯމް ލޯންގެ ރޭޓް ބީއެމްއެލްއިން 9 އިންސައްތައަށް ކުޑަކޮށްފައިވާއިރު މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި، މާލީ އެހެނިހެން އިދާރާތަކުން ރީފައިނޭންސް ކުރުމަށް ހުށަހަޅާ ލޯނުތައް އެންމެ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާރޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެއެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިވަގުތު ބޭންކް މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކުގެ ރޭޓު ދަށްކުރެވޭ ހާލަތެއްގައި ކަމަށާއި، އެހެންކަމުން މި ގެނެވުނު ބަދަލާއެކު ގެދޮރު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެތައް ގޮތަކުން ފަސޭހަވެގެން ދާނެ ކަމަށެވެ.

"މިސާލަކަށް ދަންނަވާނަމަ، ތިން މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފްސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި." .
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔާ

އަލަށް ކަނޑައެޅުނު ރޭޓުތަކަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓް ތަކަށްވެސް މިބަދަލު ގެނެސްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް، ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ލޯނަކަށް އެދި މިހާރު ހުށަހެޅޭގޮތް ހަމަޖައްސާފައިވާނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ތެރޭގައި ގިނަ ހިދުމަތްތަކަށް ބުރޫއެރިކަން ފާހަގަކޮށް އަދި ބައެއް ހިދުމަތްތައް ހޯދުމުގައި ލަސްތަކެއްވެސް ދިމާވިކަން ފާހަގަކުރައްވާ ވިދާޅުވީ އަޕްގްރޭޑިންގެ ތެރޭގައި މައްސަލަ ދިމާވާން ޖެހުނު ސަބަބު ހޯދައި އެކަން ރިވިއު ކުރަމުންދާ ކަމަށެވެ.

އަދި އެކަން ތަކުރާރުވެ ނުދިޔުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ބޭންކްގެ ސީއީއޯ ސޯޔާ ވިދާޅުވިއެވެ.

ސޯޔާ ވިދާޅުވި ގޮތުގައި އަޕްގްރޭޑް ކުރުމުގެ ތެރޭގައި ދިމާވި މައްސަލަ މިހާރު ވާނީ އެއްކޮށް ހައްލުކޮށްފައެވެ. އަދި ދެން ހިދުމަތްތައް މެދުނުކެނޑޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"މައްސަލަ މިހާރު ވާނީ ހައްލުކޮށްފައި. ދެން އިތުރަށް މި ފަދަ ކަމެއް ދިމާނުވާނެ"
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ

ހިދުމަތްތަކަށް ބުރޫއެރި ދަނޑިވަޅުގައި ޓްރަންސެކްޝަން ހެދުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ އިންޓަނެޓް ނުވަތަ ބީއެމްއެލް އެޕް މެދުވެރިކޮށް އެކަން އެންގުމަށް ސޯޔާ ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ. އަދި ހިދުމަތްތައް ހޯދުމުގައި ދިމާވި ދަތިތަކަށް އޭނާ ވަނީ މާފަށް އެދިވަޑައިގެންފައެވެ.

ޓިމް ވިދާޅުވީ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މެއިންޓަނަންސްގެ މަސައްކަތް ކުރިއަށް ގެންދާއިރު ކޮންމެވެސް ވަރަކަށް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި މަސައްކަތް ކުރުމުގެ ކުރިން ކުރިޔާލާ ކަސްޓަމަރުންނަށް ދެން އަންގާނެ ކަމަށެވެ.