"ކޮމްބެޓިންގ ޑޮމެސްޓިކް ވަޔަލެންސް"ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނެއް ކަމަށް ގެންޑާ މިނިސްޓްރީން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ޒިފްލީނާ ހަސަންއެވެ. މި ރަސްމިއްޔާތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ތައްޔިބު ވަނީ ބައިވެރިވެވަޑަގެންފައިވެއެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސޯޝަލް ވޯކަރުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން ގުޅުންހުރި މުޢައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީންކުރުމެވެ.

ފަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި މިނސްޓްރީގައި މި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ތަމްރީނުކުރެވޭނެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ފަންސަވީސްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަގްސަދުގައި ސޯޅަދުވަހުގެ ކެމްޕެއިން އެއް ހިންގޭއެވެ.