ޑައިވް އަދި މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ތަޖުރިބާތައް އިޝްތިހާރުކުރުމަށް މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ،މައިޑް 2021 ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ ތިންވަނަ ދުވަހުން ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

މައިޑް 2021 އެކްސްޕޯއަކީ ޑައިވް ކުރުމާއި މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ، އަދި އެފަދަ ހިދުމަތްދޭ އަދިބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވް މަންޒިލްތަކާއި، މޫދުކުޅިވަރާއި، ޑައިވިންގެ އެކިޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި އެކްސްޕޯއަށް ޑައިލް އަދި މެރިން ކޮންޒަވޭޝަންއަށް ލޯބިކުރާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ. މިއީ މައިޑްގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގައި މޫދުކުޅިވަރާއި، ޑައިވިންއަށް ހުރި ފުރުސަތުތަކާއި، މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖޭގައި ކުރާ މަސައްކަތްތައް ދެކުނުއިރުމަތީ އޭޝިއާ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނާ ހިއްސާކުރުމެވެ.

މައިޑްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައިވް މެރިން ކޮންޒަވޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ހިދުމަތްތައް ލިބިގަންނަންބޭނުން ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމަށް ފުރުސަތު ފަހިވެގެން ދާނެއެވެ.

މި ހަރަކާތުގައި ބައިވެރިވެ، ވިޒިޓް މޯލްޑިވްސްއަށް ރާއްޖެއިން ލިބެން ހުންނަ ޑައިވިން، ވޯޓަރސްޕޯޓްސް، މޫދު އަޑީގެ އެކި ތަޖުރިބާތައް ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތު ލިބޭއިރު ރާއްޖެއަކީ ދެކުނުއިރުމަތީ އޭޝިއާގެ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައްވެސް ހިއްސާކުރެވޭނެއެވެ.

އެގޮތުން ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުން ލިބޭ ހިދުމަތްތަކާއި، މިތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް މި އެކްސްޕޯގެ ޒަރިއްޔާއިން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ރާއްޖޭގެ ރަށްތަށް އުފެދިފައިވަނީ ވަކިވަކިން ކަމުން މިއީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައިވެސް މި އެކްސްޕޯގެ ޒަރިއްޔާއިން އިޝްތިހާރު ކުރެވޭނެއެވެ. މި އެކްސްޕޯގައި ވިޒިޓް މޯލްޑިވްސްއަށް ރާއްޖެ މާކެޓް ކުރުމުގައި ހަރަކާތްތެރިވާ 13،000 ޓްރެވަލް އޮޕަރޭޓަރުންނާއި، އެޖެންޓުންނާއި ބައްދަލުވާނެ ކަމަށް ލަފާކުރެވެއެވެ.

މި އިވެންޓުގައި ވިޒިޓް މޯލްޑިވްސް ބައިވެރިވަމުން މިދަނީ ރާއްޖެއިން ދެކުނުއިރުމަތީ އޭޝިއާގެ މާކެޓަށް ހާއްސަކޮށްފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ.

އަދި ރާއްޖޭގެ އެންމެފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކޮށް، ރާއްޖެއާ ބެހޭ ގޮތުން އެފަރާތްތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމަތު ސާފުކޮށްދެވޭނެއެވެ.

މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މީގެތެރޭގައި ރޯޑް ޝޯ، މާކެޓިން ކެންޕެއިން، ވެބިނާ އަދި ފެއާގެ އިތުރަށް އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ.