ނައިބް ރައީސް ފައިސަލް ނަސީމް، އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައި.އެން.އެސް.އެސް) ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނަ އާ ބައްދަލު ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައި ވަނީ ނައިބް ރައީސް ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަބޫދާބީގައި ވަކިވަކިން ބޭއްވެވި ދެ ބައްދަލު ކުރެއްވުމުގައި ކަމަށް ރައީސް އޮފިހުން ބުނެއެވެ.

ނައިބް ރައީސް މި ދެބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ދެ ބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުންފަދަ ތަފާތު އެކި މައުޟޫއުތަކުގައި ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވައިވާ ކަމަށް ތައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ގިނަ ގައުމުތައް ޝާމިލުވާ ބައިނަލްއަގްވާމީ އެކި މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބް ރައީސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައި ގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.