ކ. ރަސްފަރީ ފަރަށް ލިބުނު ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ޖަމާކޮށްފިއެވެ.

އީޕީއޭއިން ބުނީ، ބޯޓުގެ ވެރިފަރާތާއެކު އެ މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީން ކުރި މަޝްވަރާތަކަށްފަހު، ބޯޓުގެ ވެރިފަރާތުން ޖޫރިމަނާ ފައިސާއާއި، ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަހައްދު އަނބުރާ އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ދެއްކުމުގެ އިތުރުން، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 19 ގައި ރަސްފަރީގެ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް" ބޯޓު ފަރަށް އެރި މައްސަލާގައި 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އީޕީއޭއިން އެންގި އެންގުން ބޯޓުގެ ވެރިފަރާތުން ވަނީ މިދިޔަމަހުގެ 4 ވަނަ ދުވަހު ތިމާވެއްޓާ ބެހޭ ވުޒާރާގައި އިސްތިއުނާފު ކޮށްފައެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ.

އަދި ވަކިން ހާއްސަކޮށް، ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރެވެ.

ބޯޓު އެރި ފަރަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4/93 ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ.

މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ.

މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

ފަރަށް އެރި ބޯޓު ރާއްޖޭން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް، ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.