ގައުމީ ޖާޒީއެއްގައި ގައުމެއް ތަމްސީލުކުރުމުގެ ފުރުސަތަކީ މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ.
4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މިކުޑަކުޑަ ރާއްޖޭގައިވެސް އެއްވެސް ކުޅިވަރަކުން ގައުމީ ޓީމުން ޖާގަ ހޯދުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ، އަދި އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ހާއްސަކޮށް ޅަ އުމުރުގައި މި ފުރުސަތު ހޯދުން ވެގެންދަނީ ބޮޑު، ބުރަ ޗެލެންޖަކަށެވެ.
އެހެންނަމަވެސް ތ. މަޑިފުށްޓަށް އުފަން އުމުރުން އެންމެ 17 އަހަރުގެ މާއިޝް އަހްމަދު، ވޮލީއަށް ޖެހިފައިވާ ލޯބީގެ ނަތީޖާއަކަށްވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ސަބަބުން، ގައުމީ ސީނިއަރ ވޮލީ ޓީމުން ޖާގަ ލިބުމެވެ.
ފުޓުބޯޅައިގެ ޝައުގު ގެއްލި، ވޮލީއަށް ހިތް ދޫވި!
ރާއްޖޭގައިވެސް އެންމެ ގިނަ ބަޔަކު އެންމެ ފޯރި އާއިއެކު ބަލާ، އަދި ކުޅޭހިތްވާ ކުޅިވަރަކަށް ވާނީ ފުޓުބޯޅަ ކަމާއިމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.
ޔޫރަޕް ފުޓުބޯޅައިގެ ނަން ހިނގާ ކުލަބުތަކާއި، ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރުތަކުގެ ގޮތުގައި ދެކޭ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ނަންތައް، އަތުގެ ނުފުށަށްވުރެ ފަރިތަކަމާއެކު އެނގޭނެއެވެ.
މާއިޝް އަކީވެސް އެންމެ ކުޑައިރުއްސުރެ ފުޓުބޯޅައިގެ ތެރޭގައި، ރަށުގައި ފުޓުބޯޅަ ކުޅެމުން އައި ކުއްޖެކެވެ. މަޑިފުށި "ފުށްޓައްޕު" ނަމަކަށް ކިޔާ ރުށްގަނޑު ސަރަހައްދުގައި ދެ ގޯލު އަޅައިގެން އެކި އުމުރުގެ ޒުވާނުން ފުޓުބޯޅަ ކުޅެމުން ދާއިރު، މާއިޝް ވެސް އެކުދިންނާއެކު ބައިވެރިވެ ކުޅެ އުޅުނެވެ.
އެހެންނަމަވެސް ރަށު މަދަރުސާގައި ބާއްވާ އިންޓަރ ހައުސް މުބާރާތްތަކާއި، މަޑިފުށީގައިވެސް ކޮންމެ އަހަރަކު ބާއްވާ އެތައް ވާދަވެރި ވޮލީ މުބާރާތްތަކުގެ ތެރޭގައި އުޅެވުމުގެ ނަތީޖާއަކަށްވީ، މަޑުމަޑުން މާއިޝް ފުޓުބޯޅައަށް ހުރި ޝައުގު ފަނޑުވެ، ވޮލީގެ ތެރެއަށް ހިތް ދޫވުމެވެ.
"ވީނިއުސް" އަށް ދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައި ވާހަކަދައްކަމުން މާއިޝް ބުނީ، ވޮލީއަށް ހަގީގަތުގައި ޝައުގު އުފެދުނީ އިންޓަރ ސްކޫލް މުބާރާތުގައި ރަށު ސްކޫލް ތަމްސީލުކުރުމަށް މާލެ އައި ހިސާބުން ކަމަށެވެ.
މިހާރު ޕޮލިސް ޓީމަށް ކުޅެމުން އަންނަ މާއިޝް އަށް ޕްރޮފެޝަނަލް ފެންވަރުގައި ކުޅުމަށް މަގު ކޮށާދިނީވެސް ޕޮލިސް ކުލަބުންނެވެ. މާއިޝްގެ ހިތުގައި ޕޮލިސް ކުލަބާއި، ކުލަބުގެ ކޯޗުންނަށް ޖެހިފައިވާ ލޯބީގެ އަސްލަކީވެސް އެކުލަބުން ހޯދައިދިން ފުރުސަތެވެ.
ޕޮލިސް ކުލަބާއި ކުލަބުގެ ކޯޗުންގެ ލޮލުގައި މާއިޝް އެންމެ ފުރަތަމަ އަޅައިގަތީ ކިހިނެއްކަމާއި މިހާ ހިސާބަށް އައުމަށް ޕޮލިސް ކުލަބުން ވެދިން އެހީތެރިކަން މާއިޝް ވީނިއުސް އާއި ހިއްސާކުރިއެވެ.
މާއިޝް ބުނިގޮތުގައި ޕޮލިސް ކުލަބުގެ ސްކައުޓިންގ ޓީމުގެ ލޮލުގައި އޭނާ އަޅައިގަތީ އަތޮޅު މުބާރާތުގައި ރަށް ތަމްސީލުކުރިއިރުއެވެ.
4 މަހުގެ ކުރު ދަތުރެއް، އެތައް މަސައްކަތަކާ ހުނަރަކާއެކު އެންމެ އުހަށް!
ޕްރޮފެޝަނަލް ލެވެލްގައި މާއިޝް ވޮލީ ކެރިއަރު ފެށީ މިއަހަރުގެ ޖުލައި މަހުއެވެ. ރަށު ޓީމަށް ތ. އަތޮޅު ވޮލީ މުބާރާތުގެ ރަނަރަޕް ކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި މާއިޝް އަށް މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ވަނީ ލިބިފައެވެ.
މި ދަތުރު ހަގީގަތުގައި ފެށުނީ އެހާ ހިސާބުންނެވެ. މާއިޝް ޕޮލިސް ޓީމުގެ ފަރިތަކުރުމަކަށް އައީ ޖުލައި މަހުއެވެ.
މާއިޝް އެންމެ ފުރަތަމަ ކުޅުނީ ޕޮލިސް ކުލަބުގެ ޖޫނިއަރ ޓީމަށެވެ. އެޓީމުގައި ހޭދަކުރި ކުރު މުއްދަތުގެ ތެރޭގައި ޕޮލިހުގެ ސީނިއަރ ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މާއިޝް އަށް ޕޮލިސް ކުލަބުން ޖާގައެއް ލިބުނެވެ. އަދި އެއަށްފަހު އެޓީމުގެ ފަރިތަކުރުންތަކުގައި މާއިޝް ބައިވެރިވަމުން ދިޔައީ، އަމިއްލަ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ވޮލީ އިން ދެވެން އޮތް އެންމެ އުހަކަށް ދިއުމުގެ ވަރުގަދަ އަޒުމުގައެވެ.
ޕޮލިސް ކުލަބަށް ކުޅެމުން ދެން މާއިޝް އަށް ދެން ފަހިވީ، އޭނާ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ބޭނުންވި އަލި މަގެވެ. ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ޓްރަޔަލް އަށް ހުޅުވާލިއިރު ޕޮލިސް ކުލަބުން ޓްރަޔަލްގައި ބައިވެރިވި ކުޅުންތެރިންނާއެކު މާއިޝް ވެސް ޓްރަޔަލް އަށް ދިޔައެވެ.
މާއިޝް ކުރިއެރީ ނަސީބުންނޭ ބުނެވޭނެ ޖާގައެއް ނެތެވެ. ކުރި ބުރަ މަސައްކަތުގެ ސަބަބުން އޭނާއަށް އެފުރުސަތު ފަހިވީއެވެ. ޓްރަޔަލްގައި ނެގި މަދު ކުޅުންތެރިންގެ ތެރެއިން މާއިޝް އަށްވެސް ޒުވާން ޓީމުން ފުރުސަތު ލިބުނުއިރު ނޮވެމްބަރު މަހު މާއިޝް އަށް ވަނީ ސީނިއަރ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފުރުސަތު ލިބުނު 7 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.
އަދި މި ހަތް ކުޅުންތެރިންގެ ތެރެއިން ސީނިއަރ ސްކޮޑަށް ނެގި 3 ކުޅުންތެރިންގެ ތެރޭގައި މާއިޝް ހިމެނުނުއިރު، އޭނާ އަކި މިވަގުތު ގައުމީ ސީނިއަރ ވޮލީ ޓީމުގައި ހުރި އެންމެ ހަގު ކުޅުންތެރިޔާވެސް މެއެވެ.
އުމުރުން ހަގަކަސް، ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑުކަން މާއިޝް އަށް އެނގޭ
ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް އެކުލަވާލި ސީނިއަރ ވޮލީ ޓީމުގެ 15 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާއިޝްގެ މިހާރުގެ އަމާޒަކީ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނައެއް ގައުމަށް ގެނެސްދިނުމެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. މާއިޝް އަޒުމު ކަނޑައަޅައިގެން ހުރީ، އޭނާގެ ބެސްޓު ދައްކައިގެން، ކުޅެން އަރާ ފުރަތަމަ 6 ކުޅުންތެރިންގެ ތެރޭގައި ހިމެނުމެވެ.
ގައުމީ ޓީމުގައި ހިމެނި، ގައުމު ތަމްސީލްކުރަން މިލިބުނު ފުރުސަތަކީ މާއިޝް އަށް ކިހާ މުހިންމު ކަމެއްކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ. އަމިއްލަ ހިއްސާއެއް އޮވެ ގައުމަށް ރަންވަނައެއް ހޯދައިދިނުމަށް ކެތްމަދުވެފައިވާކަންވެސް މާއިޝްގެ ވާހަކަތައް އަޑުއެހުމުން ފާހަގަކުރެވުނެވެ.
ވޮލީ އިން ކުރިއަށް ދިއުމަށް އެހީތެރިވެދިނުމަށް ފަހަތުގައި ގާބިލް ޓީމެއް!
ވީނިއުސް އާއި ވާހަކަދައްކަމުން މާއިޝް ބުނީ، ވޮލީ އިން ކުރިއެރުމަށް އަދި ކުރިއަށް ދިއުމަށް އެހީތެރިވުމަށް ފަހަތުގައި ވަރަށް ގާބިލް، އެހާމެ އެހީތެރި ޓީމެއް އެބައޮތް ކަމަށެވެ. އަދި މި ޓީމަކީ މިހާ ހިސާބަށް އައުމުގައި މުހިންމު ދައުރެއް އަދާކުރި ބައެއް ކަމަށާއި، އެމީހުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން ބޭނުންވާ ކަމަށްވެސް މާއިޝް ބުންޏެވެ.
މަޑުމައިތިރި މިޒާޖެއްގެ މާއިޝް، ޝުކުރުވެރި ހިތަކާއެކު ބުނީ، ޕްރޮފެޝަނަލް ފެންވަރަށް އާދެވުމާއި ހަމައިން ފެށިގެން މިއަދާ ހަމައަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ވޮލީއިން ލިބުނީ ޕޮލިސް ކުލަބުގެވެސް އަދި ޒުވާން ގައުމީ ޓީމުގައިވެސް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަތުހުﷲ ވަހީދު (ފައްލޯ) ކޯޗުގެ ފަރާތުން ކަމަށެވެ. އަދި ޒުވާން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗް، އަޙްމަދު އަބްދުލްކަރީމް (ލޯންގޭ)ގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ސީނިއަރ ޓީމުގައި ހިމެނުންފަހުން މުޙައްމަދު ސާޖިދު (ކާއްޓޭ)ގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވާކަމަށް މާއިޝް ބުންޏެވެ.
މީގެއިތުރުން، މާއިޝް ބުނީ މިއަދު މިހާ ހިސާބަށް އާދެވުމުގައި ހަގީގީ ބިންގާ އަޅައިދިން ބަޔަކީ ރަށުގައި ހޭދަކުރި ދުވަސްވަރުގައި ވޮލީ އިން އޭނާ ކުރިއެރުވުމަށް މަސައްކަތްކުރި ފަރާތްތައްކަމަށެވެ. އެގޮތުން ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ "މޫސަ ސަރ" ގެ ނަން ނުހިމަނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށްވެސް މާއިޝް ބުންޏެވެ. އަދި އަނެއްކާވެސް "ފައްލޮ ކޯޗް" ގެ ނަންވެސް ހިމަނަން ޖެހޭ ކަމަށާއި، މިހާ ހިސާބަށް އާދެވުމުގައި މޫސަ ސަރ އާއި ފައްލޮ ކޯޗުގެ ފަރާތުން ލިބުނު އެހީތެެރިކަމުގެ އަގުވަޒަން ކުރާނެކަމަށްވެސް މާއިޝް ބުންޏެވެ.
މީގެއިތުރުން އެކުގައި ޕޮލިސް ކުލަބުގައިވެސް އަދި ޒުވާން ގައުމީ ޓީމުގައިވެސް ކުޅޭ ހައިލަމްގެ ނަން މާއިޝް ފާހަގަކުރިއެވެ. މާއިޝް ހައިލަމް ސިފަކުރީ އޭނާގެ ޕާޓްނަރުގެ ގޮތުގައެވެ. އަދި މިހާރުވެސް ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ މާދިހްގެ ނަންވެސް މި ލިސްޓަށް އިތުރުކުރަން ބޭނުންވާ ކަމަށާއި، އެންމެފުރަތަމަ މާލެ އައިސް ވޮލީ ކުޅެން އުޅުނުއިރު ހައިލަމް އާއި މާދިހްގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރަން ބޭނުންވާކަމަށް މާއިޝް ބުންޏެވެ.
ހައިލަމް އަކީ ނޮވެމްބަރު މަހު ކުރިއަށްދިޔަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި މާއިޝް އާއިއެކު ބައިވެރިވި ކުޅުންތެރިޔާއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ 19 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ހައިލަމް ހަސަން އާއި މާއިޝްގެ ޕެއާ އެވެ. ފައިނަލާ ހަމައަށް މި ދެކުޅުންތެރިންގެ ޕެއާ ދިޔައީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
އެންމެ ފަހު ޝުކުރު އަދާކުރަން ބޭނުންވީ އޭނާއަށް އެންމެ ހާއްސަވި ދެ ފަރާތަށެވެ.
18 އަހަރުވެސް ނުވަނިސް، ބޮޑު މުބާރާތެއްގައި އަމިއްލަ ގައުމު ތަމްސީލްކުރުމުގެ ޝަރަފު ހޯދާފައިވާ މާއިޝް، މިފަދަ އަޒުމެއް ކަނޑައަޅާފައިވާ އެހެން ކުޅުންތެރިންނަށްވެސް ވަނީ ހާއްސަ މެސެޖެއް ދީފައެވެ. އެއީ، ހިތްވަރާއެކު މަސައްކަތް ކުރުމާއި އިރުޝާދުދޭ ކޯޗުންނަށާއި، އެކުގައި ކުޅޭ އެހެން ކުޅުންތެރިންނަށް އިހުތިރާމް ކުރުމާއި، އެމީހުންގެ ބަސް ގަބޫލު ކުރުމާ އެމީހުންދޭ އިރުޝާދަށް ފުރިހަމައަށް އަމަލުކުރުމަށެވެ. އަދި އެންމެ މުހިންމު ކަމަކަށް ހެއްދެވި ފަރާތަށް އިތުބާރު ކޮށް، ސަބަބު ތަކުގައި ހިފައިގެން ހިތްވަރާއެކު މަސައްކަތް ކުރުމަށެވެ.
ގަދަ މޮޅު ވާތި