އިންޑިއާއިން ކޮވިޑްބަލީގައި މިއަދު އެކަނިވެސް 2،796 މީހުން މަރުވެއްޖެއެވެ.

މިއީ، މިއަހަރުގެ ޖުލައިމަހުގެ 21 ވަނަ ދުވަހުގެފަހުން އިންޑިއާއިން ކޮވިޑްބަލީގައި އެއްދުވަހެއްގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނީ، މަރުވި މީހުންގެ އަދަދުތައް މިހާ މަތިވެގެންދިޔައީ ދެ ސްޓޭޓަކުން މަރުވި އަދަދު ވަރަށް ބޮޑަށް އިތުރުވުމުން ކަމަށެވެ.

އެގޮތުން ބުނެފައިވަނީ، އިރުމަތީ ބިހާރު ސްޓޭޓުން 2،426 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އަދި ދެކުނުގެ ކެރަލާ ސްޓޭޓުން 263 މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ކޮވިޑްބަލީގެ ދެވަނަ ރާޅާ އިންޑިއާ ކުރިމަތިލާފައިވަނީ މިއަހަރުގެ މާޗްމަހާއި އޭޕްރީލްމަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި ކޮވިޑްބަލީގައި އެތައްހާސް ބަޔަކު މަރުވެ އަދި އެތައް މިލިއަން މީހުންނަށް ބަލި ޖެހިފައި ވެއެވެ.

ކޮވިޑްބަލީގައި އިންޑިއާއިން މަރުވި ކަމަށް މިހާތަނަށް ރެކޯޑްކޮށްފައިވަނީ 473،326 މީހުންނެވެ.

އެހެން ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، އަދަދުތައް މިއަށްވުރެ އިތުރުވާނެ ކަމަށާއި، ސަބަބަކީ ގިނަ މަރުތައް ރިޕޯޓްކޮށްފައި ނުވުން ކަމަށެވެ.

އިންޑިއާގެ ސްޓޭޓްތަކުން އަދިވެސް ގެންދަނީ ބަލީގައި މަރުވި ނަމަވެސް، އެކަން ރިޕޯޓްކޮށްފައިނުވާ ކޭސްތައް ހޯދައި އަދަދުތައް އެއްކުރަމުންނެވެ.

އިންޑިއާއަކީ ކޮވިޑްބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސްފައިވާ ގައުމަށްވާއިރު، ކޮވިޑްބަލި ހަލުވިކަމާއެކު ފަތުރާ އޮމިކްރޮން ވޭރިއެންޓްވެސް އިންޑިއާއިން މިހާރު ފެނިފައި ވެއެވެ.

މި ވޭރިއެންޓް ފެތުރުން ހުއްޓުވަން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، ދަތުރުފަތުރު ކުރުމަށް ދޭން އެކަށައަޅާފައިވާ ލުއިތައް އަލުން މުރާޖައާކޮށް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

ކޮވިޑްބަލި ހަލުވިކަމާއެކު ފަތުރާ އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ ދެކުނު އެފްރިކާއިންނެވެ. މި ވޭރިއެންޓް މިހާރު ދުނިޔޭގެ 40 ގައުމަކުން ފެނިފައި ވެއެވެ.