އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިއްޖެކަމުގެ ކަށަވަރުކަން އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓު ފެނުނީ، ރާއްޖެ އައި ފަތުރުވެރިއެއްގެ ޕޮޒިޓިކް ސާމްޕަލްގެ ޖެނުމިކް ސީކުއެންސިން ހެދުމުން ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް، އެއީ، ކޮން ރިސޯޓަކަށް އައި ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަމެއް އަދި އޭނާ ޕޮޒިޓިވްވީ ކޮން އިރަކުކަމެއް އަދި ސީކުއެންސިން ހެދީ ކޮން އިރަކު ކަމެއްވެސް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ހަވީރާ ހަމައަށް އޮމިކްރޮން ވޭރިއެންޓު ފެނުނު ގައުމުތަކުގެ އަދަދު އޮތީ 40 ގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދާދިފަހުންވަނީ، މި ވޭރިއެންޓަށް ތައްޔާރުވުމަށް މެމްބަރު ހުރިހާ ގައުމަކަށް ގޮވާލާފައެވެ.