ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން މިހެން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދިނުމަށް އިލްތިމާސްކޮށް ނެރުނު ބަޔާނެއްގައެވެ.
މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން އޮމިކްރޮން ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯޓް ކޮށްފައިވާ ކަމަށާއި ރާއްޖެއިންވެސް މިހާރު މިވަނީ މި ވޭރިއަންޓް ފެނިފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއް ކަމަށާއި މި ކޭސްގެ ވެރިއަންޓާ ބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފޮނުވުނު ސާމްޕަލްތައް ޓެސްޓު ކުރުމުން ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ގަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓު ކުރަމުންނެވެ. ރާއްޖެ އިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.
ކޮވިޑް-19ގެ އައު ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޮން އަކީ "ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި ނިމިދިޔަ މަހުގެ 26 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ.
ދެކުނު އެފްރިކާއިން ރިޕޯރޓް ކޮށްފައިވާ އޮމިކްރޮން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށް ވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލާފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި ގައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ.
އެޗްޕީއޭ އިން ބުނީ މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މައުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުންދާއިރު މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލިފެތުރުން އިތުރުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.
އަލަށް ފެނުނު އޮމްރިކޮން ވޭރިއަންޓަށް ސަމާލުވުމަށް އެޗްޕީއޭއިން އެދިފަވާއިރު އައު ވޭރިއަންޓް ރާއްޖޭގައި ފެތުރިދާނެ ކަމަށް ބަލާ ބައެއް ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.
ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއެންޓް، އޮމިކްރޮން ފެތުރޭ މިންވަރު ހަލުވިކަން އަދި ޔަގީންކުރެވިފައިވާ ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
އަދި އެންމެ ކަންބޮޑުވާ ކަމަކީ މި ވޭރިއެންޓަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަން ހުރި ވޭރިއަންޓަށް ވާތީ ކަމަށާއި، އެހެންކަމުން ބަލި ޖައްސާ މިންވަރު އިތުރުކުރެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އައު ވޭރިއެންޓާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވޭރިއަންޓް ފެތުރުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓުތައް ހަދާފައި ހުރިތޯ ބަލައި ވެކްސިން ފުރިހަމަ ކޮށްފައިވާ މިންވަރު ބެލުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.
އަދި ރާއްޖެއަށް ބަލި އައުން ނުހުއްޓުވުނު ނަމަވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރެވިދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.