ކުޅުންތެރިއަކަށް ފުޓުބޯޅައިން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ޝަރަފަކަށް ވާނީ ގައުމީ މުބާރާތް، ނުވަތަ ޕްރެޒިންޓްސް ކަޕް ކާމިޔާބުކުރުންކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު، އިމްރާން މުހައްމަދު ބުނެފިއެވެ.

އިމްރާން މިހެން ބުނެފައިވަނީ، މިފަހަރު ދިވެހި ފުޓުބޯޅަ ސީޒަންގައި އެންމެ ފުރަތަމަ ކުޅޭ މުބާރާތަކަށް ވާނީ ޕްރެޒިޑެންޓްސް ކަޕް ކަމަށް ނިންމާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެ މުބާރާތުގެ ފޯރި ގަދަކުރުމަށް މީސްމީޑިއާގައި އާންމުކުރާ ޕޯސްޓުތަކުގެ ތެރެއިން އިމްރާން އަށް ހާއްސަ ކޮށްފައިވާ ވީޑިއޯ އެއްގައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ކޯޗެއްގެ މަގާމުގައި ހުރި އިންމަ ބުނީ، އޭނާގެ ނަޒަރުގައި ރާއްޖޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މުބާރާތަކީ އަދިވެސް ގައުމީ މުބާރާތް ކަމަށެވެ. އަދި މި މުބާރާތުގެ ތަށި ކާމިޔާބުކުރުމަކީ ކުޅުންތެރިއަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަން އިމްރާން ފާހަގަކުރިއެވެ.

އިމްރާން މިހެން ބުނެފައިވާއިރު، އޭނާ ވަނީ ޖުމްލަ 12 ފަހަރު ގައުމީ މުބާރާތް ކާމިޔާބު ކޮށްފައެވެ.

"ޕްލޭޔަރެއްގެ ހައިސިއްޔަތުން އެ މުބާރާތުގެ ތަށި ކާމިޔާބު ކުރުން އެއީ އެ ކުޅުންތެރިއަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑަކީ ފުޓްބޯޅަ ހަޔާތުގައި ގައުމީ މުބާރާތުގެ ތަށި 12 ފަހަރު ކާމިޔާބުކުރި ކުޅުންތެރިއެއް. އެ ތަށި ކާމިޔާބު ކުރުމުން އެ ލިބޭ ހިތްހަމަޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް".
އިމްރާން މުހައްމަދު

އެންމެ މަތީ ފެންވަރުގައި 20 އަހަރު ކުޅުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލިއިރު، އިމްރާން ވަނީ ފުރަތަމަ ޑިވިޝަނުގައި ހަ ކްލަބަށް ކުޅެފަ އެވެ. ކްލަބް އީގަލްސް އިން ކެރިއަރު ފަށައި އޭގެ ފަހުން ވިކްޓްރީ، ވީބީ، ނިއު، މާޒިޔާ އަދި އެންމެ ފަހުން އިމްރާން ފެނުނީ ޓީސީ ޖޯޒީގަ އެވެ.

މިފަހަރުގެ މުބާރާތް މިއީ ގާތްގަނޑަކަށް 4 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިފަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރާއިރު މިއީ 2015 ވަނަ އަހަރަށްފަހު މުބާރާތުގައި 8 ޓީމު ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން ޕްރެޒިޑެންޓްސް ކަޕުގެ ޓްރޮފީ އުފުލާލާފައިވަނީ ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.