ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމަށް އިމާރާތް ކުރި 7000 ހައުސިން ޔުނިޓް ނުވަތަ ހިޔާ ފްލެޓްތައް ހަދަން އާންމުންގެ ޖީބުން ލައްކައިން، މިލިއަނުން ހޭދަކުރިޔަސް އެއީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ސަރުކާރާއިވެސް ބެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ.
އެ ޖަމުއިއްޔާއިން މިފަދައިން ބުނެފައިވަނީ ހިޔާ ފްލެޓަށް ވަދެތިބި ގިނަ މީހުންނަކީ ލާރި ނުލިބޭ މީހުން ނޫން ކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވުމުން އެކަމަށް ރައްދުދީ ނެރެފައިވާ ބަޔާނެއްގައެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަކްރަމް ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ އިންޓީރިއާ މަސައްކަތް ކުރަން ލައްކައިން މީހުން ހަރަދު ކޮށްފައިވާކަމަށެވެ. އަދި ވަރަށް ކެރިފޯރުންތެރިކަން ހުރި މީހުންނަށް ފްލެޓު ލިބިފައިވާ ކަމަށާއި އެ 7،000 އާއިލާ ތެރެއިން "ގިނަ މީހުންނަކީ" މުއްސަނދިން ކަމަށް ސްޓޭޓް މިނިސްޓަރ އަކްރަމް ބުނެފައިވެއެވެ.
މިވާހަކަތަކަށް ރައްދުދެމުން ޖަމުއިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މިހާރު ފްލެޓް ދީފައިވާ ނުވަތަ ލިބިފައިވާ މީހުންނަކީ މިހާރުގެ ސަރުކާރުން ނެރުނު ލިސްޓުގައިވާ މީހުން ކަމަށެވެ. އަދި އެ ލިސްޓްގައި ހިމެނޭ ގިނަ މީހުންނަކީ މުއްސަނދިންކަމުގައި ވާނަމަ އެ ޒިންމާ ނަންގަވަން ޖެހޭނީ ސްޓޭޓް މިނިސްޓަރ އަކްރަމް އަދި ސަރުކާރުން ކަމަށެވެ.
ދެވަނަ ކަމަކަށް އާންމުންގެ އެކުވެރި ޖަމުއިއްޔާއިން ބުނެފައިވަނީ ތަނުގެ ފިނިޝިން އެއީ ސަރުކާރުން ނިންމަން ޖެހޭ ކަމެއްކަމަށާއި ސަރުކާރުން އެކަން ނުކުރުމުން އެތަން ލިބުނު މީހުން އަމިއްލައަށް އެކަން ކުރީ ކަމަށެވެ.
އަދި ގިނަ މީހުން ފިނިޝިން މަސައްކަތަށް ބޭންކާއި އާއިލާ މީހުން އަތުން އަނބުރާ ދައްކާ ގޮތަށް ލާރި ހޯދައިގެން އެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޖަމުއިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތަށް އާންމުން އާއިލާތަކުންނާއި ބޭންކްތަކުން ލާރި ހޯދައިގެން އެމީހުންގެ ގެ ހަދަން ލައްކައިން ނުވަތަ މިލިއަނުން ހޭދަ ކުރިއަސް އެއީ ސްޓޭޓް މިނިސްޓަރ އަކްރަމް އަދި ސަރުކާރުން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށާއި ގަވާއިދުން މުސާރަ ނަގަމުން ޒިންމާ އަދާ ނުކުރެވޭ އިރު އެއްޗެތި ބުނުމަށްވުރެ ހަނުހުރުން މާ ރަނގަޅުވާނެ ކަމަށްވެސް އާންމުން އެކުވެރި ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާން މީސްމީޑިއާގައި ދައުރުކުރަމުން އާންމުނާއި އަދި ފްލެޓް ލިބިފައިވާ ގިނަ މީހުން ސޯޝަލް މީޑިއާގައި އަންނަނީ ސްޓޭޓް މިނިސްޓަރ އަކްރަމަށް ފާޑުކިޔަމުންނެވެ.