އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި ހަވާލު ކުރަން ތައްޔާރުވެއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ހަމަޖައްސާފައިވާ ރަސްމީ ގެކޮޅު، ރެހެންދި ފްލެޓްގެ އެޕާރޓްމަންޓްގެ މަސައްކަތް ނިންމާ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ސުޕްރީމް ކޯޓާ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަމަށް ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި 12 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ރައީސް ނަޝީދަށް ވަގުތީގޮތުން ހަމަޖެއްސެވި މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ނިމި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މުރައިދޫ ގޭގައެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެފަދަ ގޮތަކަށް ހުރި ގެއެއްކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މިއާއެކު އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަންތަން ހުންނާނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންނެވެ.

ދައުލަތުގެ ދެބާރުގެ ވެރިންގެ ސެކިއުރިޓީ ވަރުގަދަކުރަން، ގާނޫނު އިސްލާހުކޮށް އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލަ އަށް ފަހުއެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަދެ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދިން މައްސަލައެއް ވެސް ފެންމަތިވިއެވެ. އެއާއެކު އެމްއެންޑީއެފުން ވަނީ އުއްތަމަ ފަނޑިޔާރުގެ ގޭގެ ސެކިއުރިޓީވެސް ވަރުގަދަ ކޮށްފައެވެ.