އަންނަ 2022 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވައިފިއެވެ.

ރައީސް މިދުވަސްތައް ކަނޑައަޅުއްވައި އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

ބަންދު ދުވަސްތަކުގެ ތެރެއަށް އެ މަނިކުފާނު އިތުރުކުރެއްވީ އަންނަ އަހަރުގެ މޭ މަހުގެ 5 ވާ ބުރާސްފަތި ދުވަހާއި 13 ޖުލައި ވާ ބުދަ ދުވަހާއި 14 ޖުލައި ވާ ބުރާސްފަތި ދުވަސް އަދި 28 ޖުލައި ވާ ބުރާސްފަތި ދުވަހެވެ.

ރައީސް އޮފީހުގެ އާންމު އެންގުމުގައި ވަނީ 2022 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މި ދުވަސްތައް އިތުރު ކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޖުލައި މަހުގެ 13 އަދި 14 ބަންދުގެ ގޮތުގައި ކަނޑައެޅުއްވީ އަލްހާ ޢީދާއި ގުޅުވައިގެންނެވެ. އަދި ޖުލައި 28 ބަންދުކޮށްފައި ވަނީ މިނިވަންދުވަހާއި ގުޅުވައިގެންނެވެ. މީގެ އިތުރުން މޭ 5 ބަންދުގެ ގޮތުގައި ހަމަޖެއްސެވީ ފިތުރު އީދާއި ގުޅުވައިގެންނެވެ.