ފްރާންސްގައި ކުރިއަށްދާ ގްލޯބަލް ލަގްޒަރީ އިވެންޓް އައިއެލްޓީއެމް ބޭންސް 2021ގައި ރާއްޖެ ޕްރޮމޯޓުކުރަން ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ޓްރޭޑް ޝޯ ކުރިއަށް ދާނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ފްރާންސްގައި ކުރިއަށްދާ އައިއެލްޓީއެމް2021 އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، މަޝްވަރާތަކާއި، ނެޓްވޯކް ކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމަށް މިހަރަކާތުގެ ޒަރިއްޔާއިން ފުރުސަތު ލިބިގެންދާއިރު މިއަހަރު އައިއެލްޓީއެމް ކާންސްއަށް 95 ގައުމަކަށް ނިސްބަތްވާ ފަރާތްތަކުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެއެވެ. އެމްއެމްޕީއާރުސީއާއެކު އައިއެލްޓީއެމް ކޭންސް 2021ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 14 ކުންފުންޏަކުން މި ހަރަކާތުގައި އަންނަނީ ބައިވެރިވަމުންނެވެ.

މި ޓްރޭޑް ޝޯގައި ބައިވެރިވުމުގެ މަގްސަދަކީ ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަދި މިފަދަ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކާއިބައްދަލުކޮށް، ރާއްޖެއިން މި ސެގްމެންޓަށް ދޭ ހިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް އެ ފަރާތްތަކާ ހިއްސާކުރުމެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިހަރަކާތްތެރިވާ ފަރާތްތަކާއި ފްރާންސް އަދި އެހެން ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބިގެންދާއިރު މީގެތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރާނެއެވެ.

މިއީ ފްރާންސްގެ މާކެޓަށް އެމްއެމްޕީއާރުސީ އިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވާ ހަރަކާތެކެވެ. އައިއެލްޓީއެމް 2021 ގައި ބައިވެރިވުމުގެ ސަބަބުން ފްރާންސް އަދި ދުނިޔޭގެ އެހެން މާކެޓުތަކުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ރިސޯޓު، ހޮޓެލް،ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.

އަދި ރާއްޖޭގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ މަޢުލޫމަތު ހިއްސާކުރެވޭނެއެވެ. މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

2010 ވަނަ އަހަރުގެ އައިއެލްޓީއެމްފްރާންސްގެ ހަރަކާތުގެ 3 ދުވަހުގެ ތެރޭގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި 70،000 އަށްވުރެ ގިނަ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,177,905 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 2.1 އިންސައްތަ ނުވަތަ 23,604 ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ފްރާންސުންނެވެ.

ފްރާންސް އަކީ މިވަގުތު ރާއްޖެއަށް 09 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

ފްރާންސް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން އާރުސީ އިން މިއަހަރުގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޕްރާންސްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން މެބިނާތަކާއި، ޕާޓް ޕްރާންސްވެބިނާ، އޮޑީޖިއޯ، އެންޕްލިޓިއުޑްސް، އިންވައިބްސް ކެންޕެއިން އަދި މޮނާކޯ ރޯޑް ޝޯ، އައިއެފްޓީއެމް ޓޯޕް ރެސާ އަދި މެޑަމް ފިގާރޯއާއެކު ކުރިއަށް ގެންދިޔަ ކެންޕެއިން ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޯނީ އާއެކު ހިންގާ މާކެޓިން ކެންޕެއިން ހިމެނޭ ކަމަށެވެ.