ރާއްޖޭގެ މަސްވެރިންނާއި މުޖުތަމައުގެ ވަކިވަކި ފަރުދުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، އެފަރާތްތަކަށް މުހިންމުވާ ސަރަހައްދުތައް ދެނެގަތުމުގެ ޚާއްސަ ސާވޭއެއް ފަށައިފިއެވެ.

އޯޝަން ޔޫސް ސާވޭގެ ބޭނުމަކީ، އިގްތިސާދީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމެވެ. އެގޮތުން އެ ސާވޭ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ކަނޑު ފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިންމު ސަރަހައްދުތައް ފާހަގަކޮށް، ކަނޑުގެ ދިރުން ހިމާޔަތްކޮށް މެނޭޖްކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަ ވެގެންދާނެ ކަމަށް ނޫ ރާއްޖެން މައުލޫމާތުދެއެވެ.

މި ސަރވޭގެ މަގުސަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމެވެ.

އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއި އެކު، އެކިފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތް ދެނެގަނެ، އެފަރާތްތަކަށް މުހިންމުވާ ސަރަހައްދުތައް ވަޒަންކުރުމެވެ.

އަދި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް މިފަރާތްތަކުން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އެތަންތަން އަގު ވަޒަންކުރާގޮތް ދެނެގަތުންވެސް ހިމެނެއެވެ.

ވަކިވަކި ސާވޭ ތަކުގެ ނަތީޖާ އެއްކުރުމަށް ފަހު މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕް ތަކެއް އެކުލަވާލާނެއެވެ. މި މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމައުގެ ހިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލިބެން ތައްޔާރުކޮށްފައިވާ "ސީސްކެޗް" ޓޫލް މެދުވެރިކޮށެވެ.

ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިގްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސާވޭގެ ހޯދުންތައް އެހީތެރިވެދޭނެ ކަމަށް ނޫ ރާއްޖެއިން ދެކެއެވެ.

ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ވިހި އިންސައްތައަކީ ރަކާތެރި ސަރަހައްދު ތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް، ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށް ސާވޭގެ ނަތީޖާ ބޭނުން ކުރެވޭނެއެވެ.

މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަޙައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގޭ ފުރަތަމަ ސާވޭ ކަމުގައިވާތީ މި މުހިންމު ސާވޭގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އަޅުގަނޑުމެން އެދެން. މި ސާވޭއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކަކަށް ވެގެންދާނެ."
މިނިސްޓަރ އޮފްފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

މި ސާވޭގައި nooraajje.org/oceanusesurvey ލިންކް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެއެވެ. އަދި ސާވޭ ފެސިލިޓޭޓަރުން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މައުލޫމާތު އެއްކުރާނެއެވެ. މި ސާވޭގެ ޒަރިއްޔާއިން ލިބޭ ވަކިވަކި ޖަވާބުތަކުގެ ސިއްރު ހިފެހެއްޓާނެ ކަމުގެ ޔަގީންކަން ނޫ ރާއްޖެ ޕްރޮގްރާމުން ދީފައިވެއެވެ.

ނޫ ރާއްޖޭ ޕްރޮގްރާމުން ބުނީ ސާވޭގެ ނަތީޖާއިން އެކުލަވާލެވޭ ހީޓްމެޕްތައް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށާއި، ހީޓްމެޕްތަކުގެ އަލީގައި ރާއްޖޭގެ ނޫ އިގްތިސޯދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށާއި، މެރިން ސްޕޭޝަލް ޕްލޭނިންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށެވެ.

ހިމާޔަތް ކުރަން ޖެހޭ ސަރަޙައްދުތައް ދެނެގަތުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުން. ނަމަވެސް ވަކިން ހާއްސަކޮށް ފަރުތަކުގެ ދިރުން ރަނގަޅު، ވިލުންވެރި ސަރަހައްދުތައް، ނުވަތަ ވަކިދުވަސްވަރުތަކުގައި ބައެއްބާވަތުގެ މަސްމަހާއިމެހި ބިސްދޫކުރުމަށް ޖަމާވާ ސަރަހައްދުތައް
ނޫ ރާއްޖޭގެ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރަން

ނޫ ރައްޖެ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.