މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުން ނުކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ. މިކަމާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން، ޑރ، ނަޒްލާ މުސްޠަފާ ވިދާޅުވީ، ފައިޒާ ވެކްސިންގެ މުައްދަތު ހަމަވާ ތާރީޚަށް އިތުރު 3 މަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިތުކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ މުއްދަތަކީ ނުވަ މަސް ކަމަށް ނިންމައި، ރާއްޖޭގައި މިހާރު ހުރި ފައިޒާ ވެކްސިންގެ ސްޓޮކްވެސް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ވެކްސިން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ ކުރިން އޮންނަ ގޮތުންނަމަ ކޮވިޑް ވެކްސިންގެ އެކްސްޕަޔަރީއަށް ދީފައި ވަނީ ހަ މަސް ދުވަސް ކަމަށެވެ. އެހެން ނަމަވެސް ވެކްސިނަކީ ޑަބްލިއުއެޗްއޯ އިން އަދިވެސް ދިރާސާކުރަމުން އަންނަ އެއްޗަކަށް ވާތީ، މުއްދަތު ހަމަވާ ތާރީހުގެ ތިން މަސް ފަހުން ބެލި އިރު ވެސް އޭގެ އެފެކްޓިވްނެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރުކޮށް ރާއްޖޭގައި މިހާރު ހުރި ފައިޒާ ވެކްސިންގެ އެެކްސްޕަޔަރީ ޑޭޓް ނުވަ މަހަށް އިތުރުކުރިކަން ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ވެކްސިނެއް މުއްދަތު ހަމަވުމުން ހޮސްޕިޓަލްތަކުން ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން އެޗްޕިއޭ އިން ދެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ރީޖަނަލް ހޮސްޕިޓަލް ކަމަށްވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ މުއްދަތު ހަމަވާ ވެކްސިން ބޭނުން ނުކުރާ ކަމާއި އެޗްޕީއޭ އިން އެފަދަ އިރުޝާދެއް ދީފައި ނުވާ ކަމަށެވެ.

އަދި ވެކްސިންގެ ކަންތަކުގައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް މަސައްކަތް ކުރަނީ ވަރަށް ގުޅިގެން ކަމަށާއި ވެކްސިން ޖެހުމުގެ ކުރިން އަބަދުވެސް ބަލަން ޖެހޭކަންކަން ބަލައި ތާރީޚުތައް ކަށަވަރު ކުރާ ކަމަށް އެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ވީނިއުސްއާ ވާހަކަދެއްކި އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހަން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށާއި އެންގި ނަމަވެސް މުއްދަތު ހަމަވުމުން ވެކްސިން ބޭނުން ނުކުރާނެ ކަމަށެވެ.