ކުރީ ސަރުކާރުން އިމާރާތްކުރަން ފެށި ވިނަރެސް ފްލެޓްތައް ދޭން މިހާރު ކަނޑައެޅިފައިވާ ފަރާތްތަކުގެ އިތުރުން، ބާކީވާ ފްލެޓްތައް ދެން ވިއްކާނީ މާލޭގެ ރައްޔިތުންނަށް އެކަނި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ވިނަރެސް ފްލެޓްތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ހިޔާ ފްލެޓް ދޫކޮށްލި 76 ފަރާތަކާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި 91 ފަރާތަކަށެވެ. މީގެއިތުރުން ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށްވެސް ވިނަރެސް މަޝްރޫއުގެ ތެރެއިން ފްލެޓް ގަތުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ދިނުމުން ވެސް، އަދި ބާކީ ގިނަ އަދަދެއްގެ ފްލެޓް ހުންނާނެ ކަމަށެވެ.

އެހެން ކަމުން ބާކީ ހުރި ފްލެޓްތައް ގަނެވޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި އެޗްޑީސީއަށް އަންގާފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފްލެޓްތައް ވިއްކަން ހުޅުވާލާ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ވިނަރެސް މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި އަންނަ އަހަރުގެ މެދު ތެރެއަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލެވެނޭ ކަމަށްވެސް މީގެ ކުރިން އެ ކުންފުނިން ބުނެފައިވެއެވެ.

ވިނަރެސް ފުލެޓްގައި ހުންނާނީ 3 ކޮޓަރީގެ އެޕާރޓްމަންޓްތައް ކަމަށާއި އެތަންތަނުގެ ބޮޑުމިނަކީ 902 އާއި 883 އަކަފޫޓު ހުންނާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. އަދި ހުރިހާ އެޕާޓްމެންޓެއްގައިވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހިމެނެއެވެ.

ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 17000 ރުފިޔާ ވަރަކަށް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ރަސްމީކޮށް އެތަނުގެ ކުލި އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ފްލެޓްތަކުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ. ވިނަރެސް ގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.