ދީނުގެ ޝިޢާރުތަކަށް ތަކުރާރުކޮށް އިހާނެތިވަމުންދާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝައިހް އަލީ ޒައިދު ވިދާޅުވީ، ދޭސީންނާއި ބިދޭސީންގެ ފަރާތުން ދީނުގެ ޝިއާރުތަކަށް އިހާނެތި ކަންތައްތައް ދިމާވާ މިންވަރު އިތުރުވެއްޖެ ކަމަށަޢީ މިކަމަށް އެކަށީގެންވާ ފިޔަވަޅު ވަރަށް މުހިންމު ކަމަށެވެ.

ޝައިހް އަލީ ޒައިދު ވިދާޅުވީ، ރާއްޖެ ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް ކަމަށާއި މިކަން ޙައްލު ކުުރުމަކީ ދިވެހި ހުރިހާ އަފްރާދުންގެ ޒިންމާއެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޒައިދު މިހެން ވިދާޅުވެފައި މިވަނީ ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައިދެމުން އަންނަ އިންޑިއާ ޓީޗަރަކު މުސްހަފު ބިންމައްޗަށް އެއްލާލައި ދަރިވަރުން ލައްވާ ކްރިސްމަސް ގަސް ހެއްދުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މި މައްސަލައިގައި އެޑިޔުކެޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހާދިސާ ހިނގައި ދިޔަ ގޮތް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީއަށް ގުޅުއްވުމުން ސާފުވާނެ ކަމަށެވެ.

ނަމަވެސް ވީމީޑިއާ އިން ތަކުރާރުކޮށް ގުޅުމުންވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެރަށުގެ ބައެއް ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއަމަލު ހިންގާފައިވާކަމަށް ތުހުމަތުވަނީ އެ ރަށު ސުކޫލުގެ ގުރޭޑް 4، އަދި 5ގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައިދޭ ޓީޗަރެވެ.

އޭނާ ޤުރުއާން ފޮތް އެއްލައިލުމުގެ ކުރިން އެއީ ނަރަކަވަންތަ ފޮތެއް ކަމަށް ބުނެފައިވާ ކަމަށްވެސް އެ ރަށުގެ ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.