ށ. ނޫމަރާ ފަރަށް އެރި ބާޖު 61.7 މިލިއަން ރުފިޔާއިން އީޕީއޭ އިން ޖޫރިމަނާކޮށްފިއެވެ.

މެރިން ޕަވާ 2317 ނަމަކަށް ކިޔާ ބާޖެއް ނޫމަރާ ފަރަށް އަރާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އީޕީއޭއިން ބުނީ ބާޖު އެރުމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނޫ ނަންބަރު 4/93 ދަށުން ގާވާއިދު ނަންބަރު:9-R/2011 ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާޢިދު)ގެ ދަށުން ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ (61,681,316.00) ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ބާޖުގެ ރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ ދެވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

އެ ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް އޭގެ ބައިތައް ނަގައި ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން ސާވޭއެއް ކުރިއެވެ.

އެގޮތުން 132 އަކަމީޓަރުގެ ސަރަހައްދަކަށް ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ގެންލުން ލިބިފައިވާ ކަމަށް އީޕީއޭއިން ކުރި ސާވޭއިން ވަނީ ދައްކައިފައެވެ.

ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަހައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ މިދިޔަ މަހު ސޯޅަވަނަ ދުވަހުއެވެ.

ދާދިފަހުން ރަސްފަރީގެ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް" ބޯޓުން ވެސް ވަނީ ފަރަށް ލިބުނުގެ ގެލުމުގެ ބަދަލު ދައުލަތަަށް ދީފައެވެ. އެގޮތުން ބޯޓުގެ ވެރި ފަރާތުން ވަނީ ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ވަނި ޖަމާކޮށްފައެވެ.