ދެމަފިރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާގެ ބަނޑަށް އަނބިމީހާ ވަޅިހަރައި ޒަހަމްކޮށްލައިފިއެވެ.

އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަންހެނަކު ފިރިހެނަކަށް ހަމާލާދިން މައްސަލައެއް ހޯމަ ދުވަހުގެ ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ދެމަފިރިހެންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގީ ކީއްވެގެން ކަމެއް އަދި ސާފެއް ނޫނެވެ. އަދި މިކަން ހިނގި ސީދާ ގަޑިއެއް ވެސް ކަށަވަރެއް ނޫނެވެ.

މި ހާދިސާ ހިނގީ މާލޭގެ ގެއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.