ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޔޫތް މިނިސްޓްރީން ވެމްކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އާދަމް މުހައްމަދުއެވެ. އަަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލްއެވެ.

ވެމްކޯގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލަނެ ކަމަށް އެމްޑީ އާދަމް މުހައްމަދު ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވެލްޑާ ތަމްރީނަށް ތިން ސްލޮޓު، ކޭޝިއާ ތަމްރީނަށް 10 ސްލޮޓު، ސްޓޯ ކީޕާ ތަމްރީނަށް ދެ ސްލޮޓު، ޑްރައިވަރު/އޮޕަރޭޓަރު ތަމްރީނަށް ފަސް ސްލޮޓު އަދި މެރިން މެކޭނިކަކަށް އެއް ސްލޮޓާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް ތިން ސްލޮޓެއް ވެމްކޯއިން ކަނޑައަޅާފައިވެއެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.