މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓް ދުނިޔޭގެ 57 ގައުމުން ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފިއެވެ.

ޑަބްލިޔުއެވްއޯއިން ނެރުނު ކޮވިޑްބަލީގެ ހަފްތާ ރެޕޯޓްގައި ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓުގެ ޒަރީއާއިން ކޮވިޑްބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު، މި ވޭރިއެންޓުން ބަލިޖެހޭ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ އަދަދު އިތުރުވުމަކީ ގާތްކަމެއް ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ ބަލީގެ ހާލަތު ގޯސްވެގެންދަނީ ކިހާ މިންވަރަކަށް ކަމާއި، އޮމިކްރޮން ވޭރިއެންޓުގެ މިއުޓޭޝަންސްތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް ލިބިފައިވާ ރައްކާތެރިކަން ކުޑަވަނީ ކިހާ މިންވަރަކަށްކަން ދެނެގަތުމަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓުގެ ނުރައްކާ، ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ބަލިޖައްސާ ޑެލްޓާ ވޭރިއެންޓާ އެއްވަރުވި ނަމަވެސް އަދި ޑެލްޓާއަށްވުރެ ނުރައްކާ ކުޑަވިނަމަވެސް، ގިނަ މީހުންނަށް ބަލިޖެހޭ ވަރަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަމަ އެއާއެކު، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓަކީ "ކަންބޮޑުވާ" ވޭރިއެންޓެއްކަމަށް ޑަބްލިޔުއެޗްއޯއިން ރަސްމީގޮތުން ކަނޑައަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މި ވޭރިއެންޓުގެ ސަބަބުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މި ޑިސެމްބަރުމަހުގެ 5 އާ ހަމައަށް ދެގުނަ އިތުރުވެގެން ގޮސްފައި ވެއެވެ. އެގައުމުގެ 62،000 މީހުންނަށް މިހާރު ބަލިޖެހިފައި ވެއެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެސްވާޓިނީ، ޒިމްބާބުވޭ، މޮޒަމްބީކް، ނެމީބިއާ އަދި ލެސޯތޯގައިވެސް އޮމިކްރޮންވަނީ ހަލުވިކަމާއެކު ފެތުރެން ފަށާފައެވެ.

އޮމިކްރޮން ވޭރިއެންޓާ ކުރިމަތިލުމަށް ގައުމުތައް ތައްޔާރުވުމަށާއި، ސިއްހީ ފަރުވާގެ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިދިޔަމަހު ވަނީ މެމްބަރު ގައުމުތަކަށް އަންގާފައެވެ.