އޮމިކްރޮން ވޭރިއެންޓް ފެތުރުން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް، ޑަބްލިޔުއެޗްއޯގެ މެމްބަރު ގައުމުތަކަށް ގޮވާލައްވައިފިއެވެ.
ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޯސް ވަނީ، ކޮވިޑް ބައްޔާ ދެކޮޅަށް ގައުމީ ފެންވަރުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަލުން މުރާޖައާ ކުރުމަށާއި، ވެކްސިން ޖެހުމުގެ ޕްރޮގްރާމް އަވަސްކުރުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ.
މިހާރު ޖަހަމުންގެންދާ ވެކްސިންގެ ޑޯޒްތައް، އަލަށް ފެނިގެންއުޅޭ ވޭރިއެންޓުން ދިފާއުކޮށްދޭކަން ކަނޑައެޅިގެން ބުނަން އަދި މާ އަވަސް ނަމަވެސް، ފިޔަވަޅުތައް ވަރުގަދަ ކުރުމާއި، ވެކްސިން ޖެހުން އަވަސްކުރުން މުހިންމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައި ވެއެވެ.
އޮމިކްރޮން ވޭރިއެންޓް ދުނިޔޭގެ އެތައް ގައުމަކަށް މިހާރު ފެތުރިފައި ވާއިރު، އޮމިކްރޮން ފެތުރޭ ސްޕީޑަށް ބަލާއިރު މި ވޭރިއެންޓުގެ ސަބަބުން ކޮވިޑްބަލީގެ ހާލަތަށް ބޮޑެތި ލޮޅުންތައް އަރާނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައި ވެއެވެ.
ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ އިތުރު މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހުމުގެކުރިން މިއީ ގައުމުތަކުން ފިޔަވަޅުތައް އަޅަންވީ ވަގުތު ކަމަށެވެ.
ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޑިރެކްޓަރ މައިކަން ރަޔާން ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް ވަރަށް ފަސޭހައިން މީހުންގެ މެދުގައި ފެތުރޭ ކަމަށެވެ.
އެހެންވެ، އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ދެގުނަ އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.