އެމީކާ ނަމަކަށް ކިޔާ ރިއަލިސްޓިކް ރޮބޮޓެއްގެ ވީޑިއޯ އިންޓަނެޓްގައި ވައިރަލް ވެއްޖެއެވެ.

އެމީކާ އަކީ އިނގިރޭސި ކުންފުންޏެއް ކަމަށްވާ އިންޖިނިއަރިން އާޓްސް އިން ފަރުމާކޮށްފައިވާ ރޮބޮޓެކެވެ. އާންމުކޮށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރޮބޮޓިކް ކޮންޓެންޓް ޕޯސްޓް ކުރެއެވެ. ނަމަވެސް ބުދަ ދުވަހު ޔޫޓިއުބް ޗެނަލަށް ޕޯސްޓްކޮށްފައިވާ މި ހާއްސަ ކްލިޕް ވަނީ 680،000 އަށް ވުރެ ގިނަ ވިއުސް އާއެކު ވައިރަލް ވެފައެވެ.

https://youtu.be/IPukuYb9xWw

މި ކްލިޕްގައި އެމީކާ ފެންނަނީ ލޯ މަރައިގެން ހުރެ ކަނާތް ފަރާތު ކޮނޑު އަނބުރާލާ މަންޒަރެވެ. ދެން ހިޔާލަކަށް ގެއްލިފައި ހުރި މީހަކު ކުއްލި ހޭވެރިކަމެއް ލިބުމުން ހަރަކާތްތައް ހުންނަ ގޮތަށް ހަރަކާތްކުރާ މަންޒަރު ފެނެއެވެ. ދެން ކެމެރާއަށް ބަލާލާފައި އެމީކާ ހިނިތުންވެލައެވެ.

އިންޖިނިއަރިން އާޓްސް ވެބްސައިޓްގައި ބުނެފައި ވަނީ "އާޓިފިޝަލް އިންޓެލިޖެންސް"ގެ ގޮތުގައި ސިފަކުރެވިދާނެ ބައެއް ސޮފްޓްވެއާތައް އެމީކާގައި ހުރި ކަމަށާއި ނަމަވެސް އޭގެ މައިގަނޑު މަގުސަދަކީ "އޭއައި ތަރައްގީ ކުރުމަށް އޮތް ޕްލެޓްފޯމަކަށް ހެދުން" ކަމަށެވެ.

އިންސާނުންގެ ބަދަލުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ތަފާތު ރޮބޮޓްތައް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކެނޑިނޭޅި ކުރަމުންނެވެ.

މި ފަދަ އޮޓޮމޭޓެޑް މެޝިންތަކުން އިންސާނީ ވަސީލަތް އެއްފަރާތްކޮށް، މަސައްކަތު މާހައުލުގައި ދޭ ޓާސްކްތައް އަދާކުރަމުން ދެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެކި ގައުމުތަކުގައި ރޮބޮޓިކްސް އިމްޕްލިމެންޓޭށަން ވަރަށް ބޮޑެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރޮބޮޓިކްސް (އައިއެފްއާރް)ގެ ޑޭޓާތަކަށް ބަލާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އިންޑަސްޓްރިއަލް އޮޓޮމޭޝަންގެ ދުވެލި ހަލުވިވަމުން އަންނައިރު، 2016 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 10،000 މުވައްޒަފަކަށް 74 އިންޑަސްޓްރިއަލް ރޮބޮޓް އުފައްދާފައިވެއެވެ. އަދި 2020 ވަނަ އަހަރު މި އަދަދު ވަނީ 113 އަށް އަރާފަ އެވެ.