މިއަހަރުގެ ޑިސެމްބަރު މަހު 31 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖާރޒީ" ގެ އެކްޓަރު ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ފިލްމުގެ ނަމަކީ، "ބްލަޑީ ޑެޑީ" ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިފިލްމަކީ މަޝްހޫރު ފްރެންޗައިޒް "ޓައިގަރ ޒިންދާހޭ" ގެ ޑައިރެކްޓަރާއެކު ޝާހިދު މަސައްކަތްކުރާނެ ފުރަތަމަ ފިލްމެވެ.

ވަރަށް ވަރުގަދަ އެކްޝަން ރޯލްއަކުން ޝާހިދު ފެނިގެންދާ މިފިލްމުގައި އޭނާ ފެންނާނީ އަމިއްލަ ދަރީން ބޮޑު ލޭއޮހޮރުވުމަކުން ސަލާމަތްކޮށްދޭން މަސައްކަތްކުރާ ޒިންމާދާރު ބައްޕައެއްގެ ރޯލްއިންނެވެ.

މިފިލްމަކީ، 2011 ވަނަ އަހަރު ނެރުނު ފްރާންސްގެ ފިލްމެއްކަމަށްވާ "ނުއީ ބްލާންޗް" (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށްފައި ނުވީނަމަވެސް ފިލްމުގެ ޓީމް މެމްބަރަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ "ބްލަޑީ ޑެޑީ" މިވަގުތަށް ބޭނުންކުރަމުންދަނީ ވޯކިންގް ޓައިޓްލް ނުވަތަ ވަގުތީ ޓައިޓްލްއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ފިލްމުގެ ރަސްމީ ނަމަކަށް އެނަން ވުމަކީ ވަރަށް ގާތްކަމެއް ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މިހާރު ޑުބާއީގައި ޝޫޓިންގް ފަށާފައިވާ މިފިލްމުގައި ފެންނާނެ އަންހެން ބަތާލާއަކާ ބެހޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޝާހިދު ކަޕޫރުގެ ފިލްމު "ޖާރޒީ" އަންނަ މަހު ތިއޭޓަރުގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އޭނާވަނީ އެމޭޒަން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ފޭކްސް"އާއި ފިލްމު "ބުލް" ގެ މަސައްކަތްވެސް ފަށާފައެވެ.

ފިލްމު "ކަބީރް ސިންގް" އިން ގިނަ ބައެއްގެ މަގުބޫލަކަން ލިބިފައިވާ އެކްޓަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، 2007 ވަނަ އަހަރު ނެރުނު "ޖަބް ވީ މެޓް"، 2014 ވަނަ އަހަރު ނެރުނު "ހައިދަރް" އަދި 2016 ވަނަ އަހަރު ނެރުނު ފިލްމު "އުޅްތާ ބަންޖާބް" ހިމެނެއެވެ.