މިއަހަރުގެ ޖެނުއަރީ މަހު އިއުލާނުކުރި ޓީ-ސީރީޒްގެ ފިލްމު "ތޭންކް ގޯޑް" އަންނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެކްޓަރު ސިދާތް މަލްހޯތްރާގެ އިތުރުން އެކްޓަރު އަޖޭ ދޭވްގަން އަދި ބަތަލާ ރަކުލް ޕްރީތް ސިންގް މުހިއްމު ރޯލްތަކުން ފެނިގެންދާ މިފިލްމަކީ، ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ފިލްމެކެވެ.

އިންދްރަ ކުމާރު ޑައިރެކްޓްކުރާ މިފިލްމުގައި ހެއްވާ މަޖާ ހާދިސާތައް ހިމެނިފައި ވީނަމަވެސް ފިލްމު ނިމިގެންދާނީ މުޖްތަމަޢަށް ވަރަށް ބޭނުންތެރި މުހިއްމު މެސެޖެއް ދިނުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ރަކުލް ޕްރީތް ސިންގްއާއި އަޖޭ ދޭވްގަން މީގެކުރިންވެސްވަނީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އިން ބެލުންތެރިން ހެއްވާލާފައެވެ.

މިވަގުތު ބޮލީވުޑުގައިހުރި އެންމެ އުއްމީދީ ބަތަލާ ޕްރީތް ސިންގްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އެކްޓަރު އަމީތާބް ބައްޗަން އަދި އަޖޭ ދޭވްގަންއާއެކު ކުޅޭ ފިލްމު :މޭ ޑޭ"، އަދި އެކްޓަރު ޖޯން އަބްރަހަމް އުފައްދާ ފިލްމު "އެޓެކް" ހިމެނެއެވެ.

މިފިލްމުގައި ރަކުލްއާއެކު ދެން ފެނިގެންދާނީ ބަތަލާ ޖެކްލީން ފެރނާޑެންޒްއެވެ.

މިފިލްމު އެންމެ ހާއްސަވާ އެއްކަމަކީ، ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ކިޔާފައިވާ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ލަވަ "މަނިކޭ މަގޭހިތޭ" ގެ ހިންދީ ލަވަ ފިލްމުގައި ހިމަނަން ހަމަޖެހިފައިވާތީއެވެ.

ޔޯހާނީ ދާދިފަހުންވަނީ ކަލަރސްއިން ދައްކަމުން އަންނަ "ބިގް ބޮސް" ގެ ފުރަތަމަ ޝޯވްގައި ބައިވެރިވެ މިލަވަ ލައިވްކޮށް ހުށަހަޅައިދީފައެވެ.