ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފިއެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން މިހެން ބުނީ ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބި އެހެން ތަންތަނުގެ ހާލަތު ބެލުމަށް 10 ދުވަހުގެ ތަހުގީގެއް ކުރުމަށް ފަހުއެވެ. ޖަލުތަކާއި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ އިތުރުން ރީހެބިލިޓޭޝަން ސެންޓަރުތައް ހިމަނައިގެން 14 ފެސިލިޓީއެއް ބަލައި، 85 މީހަކާ މި ވަފްދުން ބައްދަލުކޮށްފައިވެއެވެ.

ތަހުގީގީ މަރުހަލާއަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެކޮމެޓީގެ ޗެއަރ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވީ، ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި ޖަލުތަކުގައި ޝަރީއަތެއް ނެތި ތިން ހަތަރު އަހަރު ވަންދެންވެސް ބައެއް މީހުން ތިބިކަމަށާއި، މި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް، ޝަރީއަތް އަވަސްކުރުމަކީ މުހިންމު ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ތަހުގީގު މަރުހަލާގައި ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، ޖަލު އާބާދީގެ 30 ޕަސަންޓަކީ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބި މީހުންކަމަށެވެ.

އެ މައްސަލާގައި ސަރުކާރާ ހަވާލާދީ އެލީނާ ވިދާޅުވި ގޮތުގައި އެފަދަ މީހުން އެވްރޭޖްކޮށް ބަންދުގައި ތިބެނީ ދޮޅު އަހަރެވެ. ނަމަވެސް އދ. އިން ކުރި ތަހުގީގުން އެނގުނު ގޮތުގައި ބައެއް މީހުން ތިން ހަތަރު އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް ނުފެށި ޖަލުގައި އެބަތިބި ކަމަން އެކަމަނާ ފާހަގަކޮށްފައިވެއެވެ.

"މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ސަރުކާރަށް ގޮވާލަން މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރަން."
ޑރ. އެލީނާ ސްޓެއިނާޓް

ހަމަ މިއާއިއެކު ޖަލުތަކުގައި ތިބި ގައިދީންނަށް ފޯރުކޮށް ދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ހައްގާއި، ބޭސްފަރުވާގެ ހިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަމާއި، ޖަލުތައް ފުރިބާރުވެ އެކަށީގެންނުވާ ވަރަށް ޖަލުގޮޅިތަކުގައި މީހުންތިބި ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެލީނާ ވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކަރެކްޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރައްވާފައެވެ. އަދި ތަންފީޒީ އިދާރާތަކުގެ ތެރެއިން ފުލުހުން ގާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތަކެއް ނިކުންނާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރަށްފަހު ރާއްޖެއާ ބެހޭ ގޮތުން ފުލް ރިޕޯޓެއް އެކުލަވާލާނެ ކަމަށާއި، މި ރިޕޯޓު އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެކަން އދން ހާމަކޮށްފައިވެއެވެ.