• ކަނޑުގެ މާހައުލަށް އެންމެ ރައްކާތެރިގޮތުގައި މަސްވެރިކަންކުރުމުގެ ރެކޯޑު ރާއްޖެއަށް

ތިރީގައި މިވަނީ މަޝްހޫރު ތާރީޚީ ލިއުންތެރިޔާ މުހަންމަދު ޝާތިރު، މަސްވެރިންގެ ދުވަހާ ގުޅޭގޮތުން ލިއުއްވާފައިވާ ލިޔުމެކެވެ

******

ޑިސެންބަރު 2021 އަކީ 41 ވަނަ ފަހަރަށް ފާހަގަކުރެވޭ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 10 ޑިސެންބަރު 1981 ގައެވެ.

މީގެ 41 އަހަރުކުރިން 1981 ގައި، މަސްވެރިނގެ ދުވަސް،ކަނޑައެޅުނީ، ދިވެހި މަސްވެރިންގެ ހައްގުތަކާއި ކުރިއެރުމަށްޓަކައި، ބޮޑުހަނގުރާމައިގެ ތެރޭގައި 10 ޑިސެންބަރު 1942 ގައި ބޮޑު އިސްޓޯރު ހުޅުވުނު ދުވަހަށް ނިސްބަތްކޮށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމަށްވަނީ، ސާސްކަފެއް ހާސްއަހަރުވެފަައެވެ. އަދި ކަނޑުގެ މާހައުލަށްވެށްޓަށް އެންމެ ރައްކާތެރި ގޮތުގައި މަސްވެރިކަން ކުރުމުގެ ދުނިޔޭގެ ރިކޯޑުވެސް ދިވެހިރާއްޖެއަށެވެ. ދިވެހީންނަށެވެ. އެވޭލާއިން މިވޭލާއަށްވެސް ހަމަމިފަދައިން މިގޮތުގައެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ގައުމެކެވެ. ރާއްޖޭގެ ނަމުގެ އަސްލަކީ "މާލޯދީޕު" ކަމުގައި ގަބޫލުކުރެެއްވި މުއައްރިޚުންގެ ނަޒަރުގައި ރާއްޖެއަކީ "މަސްވެރިންގެ ރާއްޖެ" އެވެ!

ރާއްޖެ އާބާދުވެ ދިވެހީން ދިރިއުޅެން ފެށުނީއްސުރެ 1990 ގެ އަހަރުތަކާއި ހަމަޔަށް 1000 އަހަރަށްވުރެ ގިނަ ޒަމާންތަކުގައި، ރާއްޖޭގެ މައިގަނޑު އިގުތިސާދު ބިނާވެފައި އޮތް، ދިވެހީންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

މީގެ 110 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުން 1911 ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި، 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ.

މީގެ 110 އަހަރުކުރިން ރާއްޖޭގެ އެންމެ މީހުންގިނަ އަތޮޅު ތިލަދުންމަތީގެ އާބާދީއަކީ 10605 އެވެ .ފިރިހެނުންގެ އަދަދަކީ 5751 އެވެ. މަސްވެރިންގެ އަދަދު 2723 އެވެ. މަސައްކަތު ފިރިހެނުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. މިއީ މިސާލެކެވެ. ހުރިހާ އަތޮޅެއްގަައިވެސް އޭރު ކަންއޮތީ ހަމައެފަދައިންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް 1960 އާއި 1970 ގެ އަހަރުތަކުގައި ފޮރިން އިންވެސްޓުމަންޓްގެ ތެރެއިން، އިންތިގާލީ ކުރިއެރުންތަކެއް އައެވެ. 1960 ގެ އަހަރުތަކުގައި، ޖަޕާނުގެ ބޯޓުފަހަރުން، ރާއްޖޭގެ މަސްވެރިން ބާނާ މަސް، ވަގުތުންގަނެ، “ބޭނިމަސްކޮޅުދޭ ކިރާލާ ވަގުތުން ފައިސާދޭ” ގޮތް ހަމަޖެހުނެވެ. މިއީ އެއިގެކުރިން މަސްވެެރިންނަށް ދުވަހަކުވެސް ނުލިބޭފަދަ ކުރިއެރުމެކެވެ. އުފާފާގަތިކަމެކެެވެ.

އަދި 1974 ގައި މަސްދޯނިފަހަރުގަައި އިންޖީނުއެޅުން ތައާރަފުވިއެވެ. އެއާއެކު މަސްވެރިކަމުގެ ސްޕީޑް "ހައިސްޕީޑް" ކަމުގަައިވިއެވެ. މަސްވެރިކަމުގެ ފެކްޓްރީތަކުގެ ފެށުންވެސް 1970 ގެ އަހަރުތަކުގައެވެ.

1970 ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވެ 1990 ގެ އަހަރުތަކުގައި ފަތުރުވެރިކަން ރާއްޖޭގެ އިގުތިސާދީ 1ވަނަ ސިނާއަތަށް ވަންދެން މަސްވެރިކަން އެއީ ރާއްޖޭގެ 1 ވަނަ ސިނާއަތެވެ. 1000 އަހަރުވީ ރާއްޖޭގެ މަައިގަނޑު މަސައްކަތެވެ. 1000 އަހަރު ރާއްޖޭގެ "އިގުތިސާދީ ލޭނާރެވެ."

މުޅިދުނިޔެއާއި ރާއްޖޭގެ މިއަދުގެ "އިގުތިސާދީ ކާރިސާ" ކޮވިޑުގެ މިހާލަތުގައި އިގުތިސާދީގޮތުން ގައުމަށް ފިލާވަޅުތަކާއި އިބުރަތްތަކެއް ހާސިލުވެއެވެ. ގައުމީގޮތުން އެއްކަމަކަށް މާބޮޑަށް (ފަތުރުވެރިކަމަށް މާބޮޑަށް) ބަރޯސާވުން އެއީ އެންމެ ރަނގަޅުގޮތްތޯއެވެ. އެހެނިހެން ސިނާއަތުތަކަށް ގައުމީގޮތުން މިހާރަށްވުރެ އިސްކަންދީގެން އެ ސިނާއަތުތައް ކުރިއަރުވަން ނުވޭތޯއެވެ.

ސަރުކާރުން ގެންދަވަނީ މިކަންކަމަށް އިސްކަންދެއްވައި ރާއްޖޭގެ އިގުތިސާދު ބައްޓަން ކުރައްވަމުންކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު މަސްވެރިކަމަކީ އެންމެ އިސްކަން ދޭންޖެހޭ ސިނާއަތެވެ. ދިވެހީންގެ ލެއާއި ގުޅިފައިވާ ދިވެހީންގެ 1000 އަހަރަށްވުރެ ގިނަދުވަސްވީ އިގުތިސާދީ “ލޭނާރު" ކަމުގައިވީ ދިވެހިވަންތަ މައިގަނޑު މަސައްކަތެވެ.

މަހާމަހުގެ އަރަގުންނެ ދިވެހީން އައީ

ގަހާގެހި ވިޔަސް އޭގެފަހުނޭ އައީ