ބައިނަލްއަގްވާމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ އދ. އިން އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާ ފާސްކުރުމާއި ގުޅިގެން 1948 ވަނަ އަހަރުއެވެ. މި މުއާހަދާ ތަންފީޒް ކުރަން ފެށިފަހުން މިވީ ދިގު ތާރީހުގައި އިންސާނީ ހައްގުތަކުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލްކުރެވިފައެވެ.

މިއަދަކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމަށް "ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ވުޖޫދުވިތާ 18 އަހަރު ފުރު ދުވަސްވެސް މެއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުވެސް މިދުވަސް އަޅުގަނޑުމެންނާ މިވަނީ ބައްދަލުކޮށްފައެވެ. ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ: "އީކުއަލިޓީ-ރިޑިއުސިންގް އިންއީކުއަލިޓީސް، އެޑްވާންސިންގް ހިއުމަން ރައިޓްސް"

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އިންސާނީ ހައްގުތަކަކީ އިންސާނަކަށް ވީތީ އޭނާއަށް ފިތުރީގޮތުން ލިބިފައިވާ ހައްގުތަކެއްކަން ދަންނަން ޖެހެއެވެ. އެކުވެރި ދައުލަތްތަކުން ފާސްކޮށްފައިވާ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ އިންސާނުންނަށް އެއް ހަމައެއްގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހެއެވެ.

ނަސްލާއި، ކުލައާއި، ދީނާއި، ޖިންސާއި، ބަހާއި، މުދަލާއި، އުފަންވީ ތަނާއި އަދި، ސިޔާސީ ފިކުރަށް ބެލުމެއްނެތި، ހުރިހާ އިންސާނުންނަށް، ހަމަހަމަކަމާއެކު، އިންސާނީ ހއްގުތައް މި މުއާހަދާގެ ދަށުން ކަށަވަރުކޮށްދޭން ޖެހެއެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ މިހާރަކަށް އައިސް މާގަދައަށް ދެކެވެމުން އައިކަމުގައި ވީނަމަވެސް، މީގެ އެތައް ސަތޭކަ އަހަރު ކުރިން މާތްﷲ ބާވާލައްވާފައިވާ ކީރިތި ޤުރުއާނުގައި އެހައްގުތަކުގެ ވާހަކަތައް ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާ އަންގަވާފައެވެ.

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ މިފަދަ ހައްގުތަކުގެ ވާހަކަތައް އަޅުގަނޑުމެން ދައްކާއިރު މިއަދު މުޖުތަމައުއިން ފެންނަނީ ބާރުގަދަ މީހުން އެއްވެސް އާރެއް ބާރެއް ނެތް ދެރަ ނިކަމެތިންގެ މައްޗަށް އަތްގަދަކޮށް، ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުން ދާ ހިތާމެވެރި މަންޒަރެވެ.

އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް މުޖުތަމަޢު ތަކުގައި ކުރިން ނިކަމެތިކޮށްލާފައިވާ އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދިނީ އިސްލާމް ދީނުގެ ތެރެއިން އައި ކަންކަމުން ކަމީވެސް ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިކަމުންވެސް ދޭހަކޮށްދެނީ އިސްލާމް ދީނުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދީފައިވާ މިންވަރެވެ.