އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާ، މިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގައެވެ.
މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުސޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުންކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ޚަލާސް ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުންކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ އަލަށް ހުޅުވުނު އައިސްޕްލާންޓް ތަކާއެކު، އަދި އިތުރަށް ގާއިމުކުރެވޭ ކުރިން މިދެންނެވި އައިސްޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެ ކަމަށާއި އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާޢަތް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފްސީލުކޮށް ހާމަކުރައްވާފައެވެ.
އެގޮތުން މަހުގެ ސިނާޢަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯ މަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައި، އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، މިކަމަށްޓަކައި ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފެށިފަހުން މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ކަމުގައި ވިޔަސް ހަގީގަތަކީ ދިވެހިންގެ ހަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަ ކަމުގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެ އާއި ރާއްޖެ ހުއްޓިގެން ދިޔައިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިސޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިޚްލާސްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ދައުލަތުގެ ވަޒީރުން އަދި ސަރުކާރުގެ އިސް ވެރިން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.