ޕީޕީއެމްގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ އަގު ކުޑަ ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

" ކޮތަރު ކޮށި" މި ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކެކުޅުންތަކާއި އުދާސްތައް އަޑުއަހާނެ ކަމަށާއި ކުރީ ސަރުކާރުން ކަނޑައެޅި އަގުތަކަށް އަގުތައް ތިރިކުރާނެ ކަމަށެވެ.

އަދި މިއުޅޭނީ ދުނިޔޭގެ އިންޓްރެސްޓް ރޭޓް މަތިވެގެން ނޫން ކަމަށާއި ދިމާވެގެން އުޅޭ މައްސަލައަކީ ރާއްޖޭގެ ފައިސާގެ އަގު ދަށްވެގެން ދިޔުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފައިސާގެ އަގު ދަށްވެގެން މިއުޅޭނީ ނޫޓު ކަރުދާހުން ފައިސާ ޗާޕުކުރީމަ. ފައިސާގެ ބޭނުންވެސް ރަނގަޅުގޮތުގައި ކުރާނަމަ ފައިސާގެވެސް އަގު ދަށެއްނުވާނެ."
ރައީސް ޔާމީން

ހިޔާ ފްލެޓްތަކުގެ ކްރެޑިޓް ނަގަން ސަރުކާރަށް އެހާ ފަސޭހަނުވާނެ ކަމަށާއި ކުރީ ސަރުކާރުން ހިޔާ މަޝްރޫޢު ހިންގީ ރައްޔިތުން އުޅޭ ހާލު އެނގިގެން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ނުވަ ވަރަކަށް ހަފްތާގެ ތެރޭގައި ހުޅުމާލެ ފޭސް 2 ހިއްކުމުގެ މަސައްކަތް ނިންމުނުކަން ފާހަގަވާ ރައީސް ޔާމީން ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ފެނުނު ހުވަފެނެއް ނޫން ކަމަށާއި އެއީ އަމާޒެއް އޮވެގެން ޒުވާނުން އުޅޭ ހާލު ދެނެގެން ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރެއްވި މަސައްކަތެއް ކަމަށެވެ.

ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ރައްޔިތުންނަށް ދަތިވާ ކަންތައްތައް އަބަދުވެސް ފުއްދައިދިނުން. ރައްޔިތުންނަށް އެންމެ ދަތިވާ ކަންތައްތަކަކީ ހުރިހާ ކަންތައްތަކެއް. އެއީ އެއްކަމެއް ދެކަމެއްނޫން. އެކަމަކު އެކަންކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވި އެކަންކަން ހައްލުކޮށްދޭން ޖެހޭނެކަން ގަބޫލުކޮށް އެއަށް ގޮތްތަކެއް ނެރެދޭން ކެރޭ މީހުން މިފަދަ ކަންކަމާ އުޅުން ބުއްދިވެރި. އަޅުގަނޑުމެންނަށް ތާރީޚް ނަގައިދިނީ ފިލާވަޅުތަކެއް. ފޭސް 2 ތަރައްގީ ކުރަންފެށީ ޒުވާނުންގެ ޝަހަރުގެ ގޮތުގަ."
ރައީސް ޔާމީން

އަދި އެތަނަކީ ހަމައެކަނި ހިޔާ ފްލެޓްތަކެއް އެކަނި ހުންނާނެ ތަނެއް ނޫން ކަމަށާއި ކޮތަރު ކޮށިތަކުން ކޮތަރު އުދުހޭނެ ތަންތަން އެތަނުގައި ގާއިމްވެފައި ހުންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އަމާޒު ހިފާފަހުރީ 15000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ކަމަށާއި ވެރިކަމުގެ ފަސް އަހަރު ފުރިހަމަކޮށް ނިމުނުއިރު އޭގެ ތެރެއިން 7000 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ނިންމާފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.