ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމު ކަމަށް ގާފަރުގެ ބައެއް މަސްވެރިން ބުނެފިއެވެ.

41 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވައި މަސްވެރިކަމުގެ ކުރިމަގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މަޝްވަރާކުރައްވާފައެވެ.

ގާފަރު ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަސްވެރިން ވަނީ، ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިޔަށްދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި މާލީކަންކަމުގައި ދިމާވާ ގޮންޖެހުމާއި، ބޭންކިންގ އަދި، މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ވެސް މަސްކިރުމުގެ އިންތިޒާމް ލަސްވުމުގެ ސަބަބުން މަސްބާނާ މޫސުމުގައި ނުހަނު ބޮޑެތި ދަތިތަކާކުރިމަތިވާ ކަމަށާއި، މިކަންކަމަށް އެކަށޭނަ ހައްލެއް ގެނެސްދެއްވުމަށް މަސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

އަދި، ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަޙައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަޙައްދުތަކުން ހައްދަވައިދެއްވުމުގެ މުހިންމުކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ކަންކަން މަސްވެރިން ފާހަގަކުރައްވާފައިވެއެވެ.

މަސްވެރިން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.