ރައްޔިތުން މަޖިލީހުގައި ދ.މީދޫ ދައިރާ ތަމްސީލުކުރައްވާ މެމްބަރު އަހްމަދު ސިޔާމްގެ ސަން ޓްރެވަލްސް އެންޑް ޓުއަރސްގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް ކަމަށް ނިންމައި އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓަން ސިވިލްކޯޓުން ނެރުނު އަމުރަށް ތާއިދުކޮށް ހައިކޯޓުން އެ ނިންމުން ދަމަހައްޓައިފިއެވެ.

މި މައްސަލަ ފެށުނީ ސަން ޓްރެވަލް ކުންފުނިން އިރުފުށި ރިސޯޓް ހިންގަން ހިލްޓަން ނަމަކަށް ކިޔާ ކުންފުންޏަކާ އެކު 2009 ވަނަ އަހަރު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން އުފާލި ހިސާބުންނެވެ. މި މައްސަލަ 2013 ވަނަ އަހަރު ހިލްޓަން ކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށައަޅާފައެވެ.

މައްސަލަ ބަލައި އެ ގައުމުގެ އާބިޓްރޭޝަނުން ނިންމީ އެެއްބަސްވުން އުވާލީ ރަނގަޅަށް ނޫންކަމަށާއި އެކަމެއްގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު (307 މިލިއަން ރުފިޔާ) ދައްކަންޖެހޭނެ ކަމަށެވެ. އަދި އެފައިސާ ދެއްކުމަށް ސަން ޓްރެވަލްސް އެންޑް ޓުއަރސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަމަރުކުރިއެވެ.

އެ އަމުރު ތަންފީޒުކުރުމަށް ހިލްޓަނުން އެ މައްސަލަ ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށައެޅިއެވެ. އެކޯޓުން މައްސަލަ ބެލުމަށް ފަހު ރާއްޖޭގެ ބޭންކަތަކަށް އަމުރު ނެރުނީ ސަންގެ އެކައުންޓްގައި 28 މިލިއަން ޑޮލަރު ހުރިނަމަ އެ އަދަދު ހިފަހައްޓާށެވެ. އަދި އެއަށްވުރެ މަދުން ހުރި ނަމަ ހުރިހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ.

އެ އަމުރު ނެރުމުން އިސްތިއުނާފުކުރުމަށް ސަން ކުންފުނިން ހައި ކޯޓަށް ދިޔައެވެ. ދަށުކޯޓުގެ ނިންމުން ސަން ކުންފުނިން އިސްތިއުނާފުކުރި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމުގައިވަނީ ސަން ކުންފުނީގެ އެކުންޓްތަކުގައިވާ ފައިސާ ހިފަހައްޓަން، ބޭންކް އޮފް މޯލްޑިވްސް ޕލކ، ބޭންކް އޮފް ސިލޯން، ދަ މޮރިޝަސްކޮމާޝަލް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށެވެ. އެހެންނަމަވެސް އެއީ އެ ނިންމުން ބާތިލުކުރެވޭނެ ސަބަބެއް ނޫންކަމަށްވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔައްތުން ވަނީ ނިންމާފައެވެ. ދަށު ކޯޓްގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރުގެ ނިންމުމުގައިވަނީ އާބިޓަރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒުކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމުން ކަމަށެވެ. އެހެންކަމުން ސިވިލްކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭކަމަށް އެ ފަނޑިޔާރުގެ ރައުޔުގައިވެއެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާއެވެ.