މޫސުން ގޯސްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައޮތް ސައިކަލު ބުރު ފަސްކޮށްފިއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފައޮތް ސައިކަލް ބުރު ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.

މި ސައިކަލް ބުރު ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން މިއަދު ބޭއްވުމަށް މަސައްކަތްކުރި ސައިކަލު ބުރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށާއި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހަރަކާތެއް ކަމަށް ޒުވާނުންގެ ގޮފިން ބުނެއެވެ.

މޫސުން ގޯސްވެ ސައިކަލް ބުރު ކެންސަލްކޮށްފަވާއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ހުދު ސަމާލް ނެރެފައިވަނީ ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ 11:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ، މާލެއަށް ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.