އއ. ހިމަންދޫގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު އިފްތިތާހްކޮށްދެއްވާފައި ވަނީ އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއެވެ. އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރު އިބްރާހިމް އަންވަރު އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލެވެ. އަދި މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅިވަޅުުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 45 އިންސަތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ހިމޭނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަންދޫ ގައި 6.35 ކިިލޯމީޓަރގެ ދިގު ފެންހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރް އޯ ފެސިލީޓީ ބިލްޑިންގެ އިމާރާތްކުރުމާއި ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރް .އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނޭކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ހިމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.