އެކްޓަރު ޓައިގަރ ޝްރޮފްގެ ވަރުގަދަ އެކްޝަން ފިލްމު "ހީރޯ ޕަންތީ-2" އިން ވިލަންގެ ރޯލްއިން ފެންނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ މިފިލްމުގައި ކުރީގެ އެކްޓަރު ވިނޯދް ކަންނާއަށް ވަރަށް ހާއްސަ ޓްރިބިއުޓެއް ދޭނެކަމަށް ބުނެފިއެވެ.

ނާވްޒު ބުނިގޮތުގައި އޭނާގެ ފިލްމީ ކެރިއަރު ފަށައިގަތްތަނާ ކައިރީގައި އެކްޓަރު ވިނޯދް ކަންނާއާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުނެވެ. އެފުރުސަތުގައިވެސް ވިނޯދް ކަންނާގެ ފަރާތުން ފެނިގެންދިޔައީ ކޮލިޓީ ސްޓާރއެއްގެ ފަރާތުން ފެންނާނެ ސިފަތައްކަމަށް ނަވާޒުވަނީ ބުނެފައެވެ.

ފިލްމު "ހީރޯ ޕަންތީ-2" އިން ނަވާޒު ފެނިގެންދާނީ ވީހާވެސް ބޮޑަށް ވިނޯދް ކަންނާގެ އާއްމު ދިރިއުޅުމުގައިވެސް ފެންނަ ހަރަކާތް ތަކާއެކުއެވެ.

އޭގެތެރޭގައި ވިނޯދުގެ ހިނގުމުގެ ސްޓައިލްގެ އިތުރުން އާއްމުކޮށް ވިނޯދް ކަންނާ ފިލްމުތަކުގައި ހެދުން އަޅާގޮތާ އެއްގޮތްކަހަލަ ގޮތަކަށް ނަވާޒު ހެދުންއަޅާފައި ހުންނަ މަންޒަރުތައްވެސް ފިލްމުގައި ފެނިގެންދާނެއެވެ.

އަހްމަދު ޚާން ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ނަވާޒުގެ އެންމެ ފެނިލުމަކުންވެސް މިތަފާތު ބެލުންތެރިންނަށް ފާހަގަވެގެން ދާނެކަމަށް އަހުމަދު ޚާންވަނީ ބުނެފައެވެ.

ކާމިޔާބު އެތައް ފިލްމެއްކުޅެ ހިންދީ ސިނަމާގައި ލެޖެންޑެއްގެ ލަޤަބު ލިބުނު އެކްޓަރު ވިނޯދް ކަންނާއަކީ، އޭނާގެ ރީތިކަމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހުނު އެކްޓަރެކެވެ.

2017 ވަނަ އަހަރު ކެންސަރު ބަލީގައި ވިނޯދު މަރުވުމުންވެސް ގިނަ ބަޔަކަށް ލިބިގެންދިޔައީ ޝޮކެކެވެ.

މިހާރުވެސް ގިނަ މީހުން ގަބޫލުކުރާގޮތުގައި ވިނޯދު ކަންނާ ގެނެސްދީފައިވާ ކަހަލަ ރީތި ފިލްމުތަކެއް މިއަދާހަމައަށްވެސް ސިނަމާއިން ނުފެނެއެވެ.

ވިނޯދު ކަންނާގެ 2 ފިރިހެން ކުދިންކަމަށްވާ އެކްޓަރު އަކްޝަޔޭ ކަންނާ އަދި ރާހުލް ކަންނާއަށްވެސް މިފަދަ ރޯލްތައް ފިލްމުތަކުން ދެއްކިފައި ނުވާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އަންނަ އަހަރުގެ އޭޕްރީލް 29 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ހީރޯ ޕަންތީ-2" އަކީ، 2014 ވަނަ އަހަރު ނެރުނު ފިލްމު "ހީރޯޕަންތީ" ގެ ސީކުއަލްއެކެވެ.

އެފިލްމަކީ އެކްޓަރު ޓައިގަރ ޝްރޮފްއާއި ބަތަލާ ކްރިތީ ސެނޮން ބޮލީވުޑަށް ނުކުތް ފިލްމެވެ.

މިފަހަރުގެ ފިލްމުގައި ކްރިތީގެ ބަދަލުގައި ބަތަލާގެ ރޯލްއިން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާއެވެ.